ޓްރާންސްފޯމަރަކުން ވައްކަން ކުރަނިކޮށް އަތުލައިގެންފި

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު މިރޭ އަތުލައިގެންފި އެވެ.
އެކަން ހާމަކޮށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ "އެކްސް'' ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މީހާ އަތުލައިގަތީ ސްޓެލްކޯގެ މުވައްޒަފެއް ކަމަށެވެ. އެމީހާ އަތުލައިގަތް ވަގުތު އެތަނަށް އެޓެންޑުވި ސްޓެލްކޯގެ މުވައްޒަފު ގައިގައި އެ މީހާ ވަނީ ރެންޗުން ޖަހައި މާރާމާރީ ހިންގާފައި ކަމަށް ފަހުމީ ވިދާޅުވި އެވެ.
ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން" ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ޓްރާންސްފޯމަރުތަކަށް ގެއްލުންދީ، ވައްކަން ކުރުން އާއްމު ކަމަށް ވަނީ ވެފަ އެވެ. ހޮނިހިރު ދުވަހު ފޭސް ދޭއްގައި ހުންނަ ހައި ވޯލްޓޭޖް ދެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެ ބައިތަކެއް ވަގަށް ނެގި އެވެ. ހުސްވި އަހަރު ޓްރާންސްފޯމަރަށް ގެއްލުން ދޭން އުޅެނިކޮށް ކަރަންޓުގައި ޖެހި މީހަކު މަރުވެސްވި އެވެ.