ސިއްހީ ފަރުވާއަށް 108 މީހަކު މަތިވެރިން ކުޅުދުއްފުއްޓަށް, 16 ގަޑިއިރުގެ ދަތުރެއް

ސިއްހީ ފަރުވާ އާ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި 100 އަށް ވުރެ ގިނަ މީހުން އއ.މަތިވެރިން ހދ.ކުޅުދުއްފުއްޓަށް ދަތުރުކޮށްފިއެވެ.
މަތިވެރި ކައުންސިލުން ބުނެފައިވާ ގޮތުގައި އެރަށުގެ 108 ރައްޔިތަކު ވަނީ ބޭސްފަރުވާ ހޯދުމަށް ކުޅުދުއްފުއްޓަށް ދަތުރުކޮށްފައެވެ. މަސްދޯންޏެއްގައި ކުރި 16 ގަޑިއިރުގެ މި ދިގު ދަތުރަކީ ރައްޔިތުންގެ ޞިއްޙީ ފަރުވާ ބަރޯސާ ކޮށްފައިވާ ވެރި ރަށް މާލެއަށް، ކޮވިޑް19 ގެ މިހާލަތުގައި ދިއުން ރައްކާތެރި ނުވުމާއި އަތޮޅުގައި އެކަށީގެންވާ ޞިއްޙީ ޚިދުމަތް ލިބޭ ހޮސްޕިޓަލެއް ނެތުމުން ކުރަން ޖެހުނު ދަތުރެއް ކަމުގައި މަތިވެރިން ކައުންސިލުން ބުނެފައިވެއެވެ.
"ރަށުގެ މަސްވެރިންވެސް މިހާ ދިގު ދަތުރެއް ކޮށްފައި ނުވާއިރު، މޫސުމް ރަނގަޅު ނޫނަސް، ތަކުލީފުތަކާއެކު، ބޮޑު ޚަރަދެއް ކޮށްފައި، އަނބިދަރިން ގޮވައިގެން ދުރު ހިސާބަށް ދާން މަޖުބޫރުކުރީ އަދުގެ ހާލަތެވެ." މަތިވެރި ކައުންސިލުން ކޮށްފައިވާ މީސް މީޑިއާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ އަށް ބޭސްފަރުވާ ދިއުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު، ގިނަ ރަށްރަށުން އަންނަނީ ރީޖަނަލް ހޮސްޕިޓަލުތަކަށް ފަރުވާ ހޯދުމަށް ދަތުރުކުރަމުންނެވެ. އެގޮތުން ކުޅުދުއްފުއްޓާއި ލ.ގަން ފަދަ ރަށް ރަށަކީ މިގޮތުން ފާހަގަކޮށްލެވޭ ރަށް ރަށެވެ.