ދީން

ތިބާގެ އަރިހުގައި އަހަރެންގެ ޢުމުރު ހުސްކޮށްލެވިއްޖެނަމަ އަހަރެންވާ ހުށީ ޢިއްޒަތްތެރިއެއް ކަމުގައެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދުނިޔޭގެ އުފަލާއި އަރާމުގައި ވީ ނަމަވެސް ހަގީގަތަކީ އެ ދުވަސްތަކަކީ އަހަރެންގެ ހަޔާތުގެ އެންމެ ނިކަމެތި ދުވަސްވަރެވެ. އެންމެ އެކަނިވެރި ދުވަސްވަރެވެ. އަހަރެންގެ ހިތަށް ފިނިކަން ދޭނޭ ބައިވެރިއަކު ނެތި ހިތާމައިގައި އަހަރެން ވީމެވެ. އެކަނިވެރިކަން ފިލުވައިދޭނޭ މަދަދު ގާރަކު ނެތި އެކަހެރިކަމުގައި ވީމެވެ.

Ads by STELCO

އެގޮތުގައި ދުވަސްތައް ވަނިކޮށް އަހަންނާ ތިބާ ބައްދަލުވީ ﷲގެ ހެޔޮ ރަޙުމަތްފުޅާއި މިންވަރުފުޅުންނެވެ. ތިބާއާ ބައްދަލުވުމީ މުޅި ހަޔާތުގައި ވެސް އަހަންނަށް ލިބުނު އެންމެ ބޮޑު އުފަލެވެ. ތިބާ ފަދަ މިތުރެއް ދެކެ ލޯބިވުމީ އަހަންނަށް ލިބުނު އެންމެ ބޮޑު ނަސީބެވެ. ތިބާއާ ބައްދަލުވެ ، ތިބާއާ އެކީ ވަގުތުތައް ހޭދަ ކުރުމުގެ ފުރުސަތު ލިބުމަށް ވުރެ ވަކީން ބޮޑަށް އަހަރެން އުފާކުރާ އެހެން ކަމެއް ނުވެއެވެ. އެހެނީ ، ހިތާމައެއް ނިކަމެތި ކަމެއް ކުރިމަތިވާ ހިނދު އަހަންނަށް އެހީވެދެނީ ތިބާއެވެ. ތިބާއާ އެކީގައި އަހަރެން ހޭދަކުރާ ވަގުތުތަކުގައި އަހަރެންގެ މާޔޫސް ކަމެއް ، ހިތްދަތިކަމެއް ނުވެއެވެ. ބަދަލުގައި ލިބެނީ އުއްމީދާ ހިތްހަމަ ޖެހުމެވެ.

ހަޔާތުގައި އެންމެ ފިކުރު ބޮޑުވާ ވަގުތުތަކުގައި ތިބާއާ ބައްދަލުވުމުން އަހަރެންގެ އެ ފިކުރުތައް ނެތިގެން ދެއެވެ. އެ ފަދަ ދަނޑިވަޅުތަކުގައި ތިބާ ވީ ރޫޙަށް ދިރުމާއި ތާޒާކަން ގެނެސްދޭ ބައިވެރިއެއް ކަމުގައެވެ. ހަމައެހެންމެ ހެޔޮ މަގުން ކައްސާލަން ދިމާވާ ކޮންމެ ފަހަރަކު ތިބާވީ އަހަރެން އެކަންކަމުން ދުރުކޮށްދޭ މާހިރެއް ކަމުގައެވެ.

ތިބާއީ އަހަރެންގެ ލޮލުގެ ފިނިކަމެވެ. ދެލޮލުގެ ނޫރެވެ. ހިތުގެ ހަމަޖެހުމެވެ. ކޮންމެ ރެއަކު ތިބާއާ އެކުގައި ވުމަށް އަހަރެން ހިތް އެދެއެވެ. އަރާމު ތަންމައްޗަށް ބޭވަފާތެރިވެ އަހަރެން ތިބާ އިޚްތިޔާރު ކުރަނީ ތިބާގެ ފުށުން އަހަންނަށް ލިބޭ ހިތްހަމަޖެހުމުގެ ބޮޑުކަމުންނެވެ. ތިބާގެ ލައްޒަތުގެ ފެން އާރުން ޙަޔާތުގެ ކަރުހިންކުން ފިލާތީއެވެ. ތިބާގެ ފުށުން ލިބޭ ޒީނަތުން ޙަޔާތް އަލިކޮށްދޭތީއެވެ.

ތިބާގެ ހެޔޮ ކަމަކީ ދުލަކުން ގަލަމަކުން ސިފަވާނޭ ކަމެއް ނޫނެވެ. އެހެންކަމުން ބޭނުން މީހަކަށް ބޭނުން ވަގުތެއްގައި ބޭނުން މިންވަރަކަށް އެ ހެޔޮކަން ދިނުމަށް ތިބާ ތައްޔާރަށް އޮތްއިރު ވެސް އަދި ގިނަ ބަޔަކު ތިބާއާ ދުރުގައި ވީއިރު ވެސް އަހަންނާ ތިބާ ބައްދަލުވާ ކަމީ އަހަންނަށް އޮތް ކިހާ ބޮޑު އުފަލެއް ހެއްޔެވެ؟ އަހަރެންގެ ފޫހިފިލުވައިދީ އަހަންނާއެކު ވަގުތުތައް ހޭދަ ކުރުމީ އަހަންނަށް އޮތް ކިހާ ބޮޑު ނަސީބެއް ހެއްޔެވެ؟

މިހާރު ވެސް އަދި ފަހުން ވެސް ބުނަން އޮތީ އެންމެ ވާހަކައެކެވެ. އެއީ ތިބާގެ ހެޔޮ ކަމުގެ ވާހަކައެވެ. ތިބާއާ އެކީގައި ވުމަށް އެދޭ ވާހަކައެވެ. ތިބާއާ އެކީގައި ހޭދަވާ ވަގުތުތަކަކީ އެވަގުތަކަށް އަހަރެން އެންމެ އިންތިޒާރު ކުރާ ވަގުތެވެ. ތިބާއާ ވަކިވުމީ އަހަރެންގެ ހިތް އެންމެ ނޭދޭ ކަންތަކެވެ. ތިބާގެ އަރިހުގައި އަހަރެންގެ އުމުރު ހުސްކޮށް ލެވިއްޖެނަމަ އަހަރެން ވާހުށީ ޢިއްޒަތްތެރިއެއް ކަމުގައެވެ.

އެހެން ނުވާންވީ ވެސް ކީއްވެގެން ހެއްޔެވެ؟ ތިބާއީ ﷲ ތަޢާލާ ، އެ އިލާހުގެ ޙަބީބު މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރިކޮށް އަހަރެމެންނަށް ދެއްވި ހަދިޔާއެކެވެ. ދުވާލަކު ފަސް ފަހަރު އަހަރެމެންނާ ބައްދަލު ކުރާ ނަމާދެވެ. ތިބާގެ އަރިހުގައި އަހަރެމެންގެ ހަޔާތް އުމުރަށް ލައްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!