ކުޑައިރު ހީހީފައި ބެލި މިސްޓަރބީން ފިލްމު، އެ ފިލްމު ކުޅުނު ވަގުތު މިސްޓަރބީން އެހާ ހިތްހަމައެއް ނުޖެހޭ!
މިސްޓަރބީން ފިލްމަކީ ގިނަ ބަޔަކު ބަލާފައި ވާނެ ފިލްމެއްކަން ގައިމެވެ. އަދި އެ ބަލާފައި ހީހީ އަވަދި ނުވާ މީހަކު ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހާވެސް މަޖާ ފިލްމެކެވެ. އެހެން ނަމަވެސް މިސްޓަރބީން ގައި މިސްޓަރބީންގެ ރޯލު އަދާކުރި ހޮލީވުޑު އެކްޓަރެއް ކަމަށްވާ “ރޯވަން އެޓްކިންސަން” ބުނީ އޭނާ އެ ފިލްމު ޝޫޓުކުރި ވަގުތުގައި އެހާ ހިތްހަމަ ނުޖެހޭ ކަމަށެވެ. ބަދަލުގައި ވަރަށް “ސްޓްރެސް” ވީ ކަމަށެވެ.
ރޯވަން އެޓްކިންސަން މިހެން ބުނެފައިވަނީ، ފިލްމުގެ ޝޫޓިންގް ކުރިއަށް ދިޔަ ވަގުތުގައި ހިތްހަމަ ޖެހުމަށްވުރެ ބޮޑަށް ބެލުންތެރިން ހެއްވާލަން ކުރާނެ ކަންތަކުގެ ޒިންމާ އޭނަގެ ބޮލުގައި އޮތުމުން އެކަމާ މާ ބޮޑަށް ހާސްވިކަމަށެވެ. ހިތް ނުތަނަވަސް ވި ކަމަށެވެ.
އެހެންނަމަވެސް ބެލުންތެރިން ހިތްހަމަ ޖެހޭ ކަމުގައި ވާނަމަ މިހާރު އޭނަ ހިތްހަމަ ޖެހޭ ކަމަށާއި އެ ފިލްމުގެ ފުރިހަމަ މަޤްސަދު ކަމުގައިވާ، މީހުން ހެއްވާލުން ހާސިލުވެއްޖެ ކަން ގަބޫލު ކުރާކަމަށް ރޯވަން ބުނެފައި ވެއެވެ. މި ފިލްމުގެ ޝޫޓިންގެ ނިމުމުން އެކަމާ ހިތްހަމަ ޖެހުނަސް ޝޫޓިން ކުރަމުން ދިޔަ ވަގުތު ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވެގެން ދިޔަ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން ރޯވަން އެޓްކިންސަން ބުނީ އޭނާއަށް މި ފިލްމަކީ ގިނަ ބަޔަކަށް ކަމުދާނެ ފިލްމެއްކަން މާ ކުރިންވެސް ގަބޫލު ކުރެވުނު ކަމަށެވެ. ސަބަބަކީ އޭގައި އެ ދައްކަނީ ކުޑަކުއްޖެއްގެ އުޅުން ހުރި ބޮޑު ފިރިހެނެއްގެ ދިރިއުޅުން ކަމުގައި ވާތީ ކަމަށް އޭނާ ބުނެފައިވެއެވެ.
މިހާރު އެޓްކިންސަން ގެ އުމުރަކީ 65 އަހަރެވެ. މީގެ ދެއަހަރު ކުރިން “ދަ ގްރަހަމް ނޯޓޮމް ޝޯ” ގެ ނަމުގައި ކުރިއަށް ގެންދެވުނު ރިއާލިޓީ ޝޯއެއްގައި އެޓްކިންސަން ވަނީ، ދެން މިސްޓަރބީން އަނބުރާ ނާންނާނެ ކަމަށް ބުނެ ބެލުންތެރިން މާޔޫސް ކޮށްލާފައެވެ. އަދި މިހާރުވެސް އޭނާ ބުނަމުން ދަނީ ދެން މިސްޓަރބީން ނާންނާނެ ކަމަށެވެ.