ސަފީރު ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުން އާ އުސްމިނަކަށް ގެންދަވާނެ ކަމަށް
ރާއްޖެއާއެކު އޮންނަ ގުޅުން އާ އުސްމިނަކަށް ގެންދަން ބޭނުންވާ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގަންގަދަރަން ބާލާސުބްރަމާނިއަން ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ވިދާޅުވީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތީ ޒަމާންވީ ގުޅުމެއް ކަމަށެވެ.
މި އަހަރަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނު އަަހަރުކަން ވެސް ސަފީރު ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން އިންޑިއާއިން އެހީތެރިވަމުންދާކަން ވެސް ސަފީރު ފާހަގަކުރެއްވި އެވެ.
އޭގެ ތެރެއިން ވެސް ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓާއި އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓް ސަފީރު ފާހަގަކުރެއްވި އެވެ.
"އިންޑިއާއިން ދަނީ ދިވެހި ރައްޔިތުން ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގަމުން. އޭގެ އިތުރުން ރާއްޖޭގައި މީހުން ބިނާކުރުމާއި ކެޕޭސިޓީ ޑިވޮލޮޕްމަންޓްގެ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް އިސްކަން ދެން" ސަފީރު ވިދާޅުވި އެވެ.
އެގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވެސް 5000އަށް ވުރެ ގިނަ ދިވެހިން ކެޕޭސިޓީ ޑިވޮލޮޕްމަންޓްއާއި އެހެނިހެން ދާއިރާތަކުން ތަމްރީން ދީފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.
އަދި އެއާއެކު ރާއްޖެއާއެކު އޮންނަ ގުޅުން ބަދަހިކޮށް އެކި ދާއިރާތަކުން އެއްބާރުލުން ދިނުން އާ އުސްމިނަކަށް ގެންދެވޭތަން ދެކެން ބޭނުންވާ ކަމަށް ސަފީރު ވިދާޅުވި އެވެ.