ޚަބަރު

އިއްޔެ އެކަނި 708 މީހުން ރާއްޖެ އައި: ވީއައިއޭ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އިއްޔެ އެކަނި ވެސް ރާއްޖެއަށް 708 ފަތުރުވެރިން ރާއްޖެ އައި ކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެފިއެވެ.

Ads by STELCO

ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އިއްޔެއަކީ ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ދުވަސް ކަމަށާއި، އެންމެ ގިނަ މީހުން އައިސްފައި ވަނީ ރަޝިޔާއަން ކަމަށް ވެސް ވެލާނަ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހާމަކޮށްފައެވެ.

ރާއްޖެޓީވީން ގެނެސްދޭ ޕްރޮގުރާމެއް ކަމަށްވާފަށާއިރުޕްރޮގުރާމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ހުސެއިން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު 708 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ ރަޝިޔާއިން އައިސްފައިވާ ފަތުރުވެރިން ކަމަށެވެ.

އެގޮތުން ރަޝިޔާގެ އެއޮރޯފްލައިޓުން 335 ފަތުރުވެރިން ވަނީ އިއްޔެ ރާއްޖެއަށް އައިސްފައެވެ. އަދި އިއްތިހާދު އެއަރވޭސް އިން 13 މީހުން ރާއްޖެ އައިސްފައި ވާއިރު އެމިރޭޓްސްއިން 153 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ޤަތަރު އެއަރ އެއަރވޭސް އިން ވަނީ 121 މީހަކު ރާއްޖެ އައިސްފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، ޓަރކިޝް އެއަރލައިނުން ފަތުރުވެރިންގެ ގޮތުގައި 5 މީހަކު އައިސްފައިވާއިރު، ސްރީލަންކަން އެއަރލައިންސް އިން ވަނީ 16 މީހަކު ރާއްޖެ އައިސްފައެވެ. އަދި މީގެ އިތުރުން މޯލްޑިވިއަން ގެ ފްލައިޓެއްގައި 65 މީހުން ވަނީ ރާއްޖެއަށް އައިސްފައެވެ.

އިއްޔެ ރާއްޖެއިން ފުރާފައިވާ މީހުންގެ އަދަދަކީ 597 މީހުންނެވެ. ޑޮމެސްޓިކް އެއަރލައިންގައި އިއްޔެ 153 މީހުން އައިސްފައިވާއިރު ރާއްޖޭގެ އެކި ރަށްރަށަށް 161 މީހުން ވަނީ ފުރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!