ޚަބަރު

ޓިކެޓް އަގުބޮޑު ނުވޭ، ދިމާވީ ޓެކްނިކަލް މައްސަލައެއް: މޯލްޑިވިއަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ވީއައިއޭ ރަންވޭގައި/ ފޮޓޯ: ރައީސް އޮފީސް

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓް ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް މިއަދު ދިމާވެއްޖެ އެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގުތައް ބޮޑުކޮށްފި ކަމަށް ބުނެ ވެބްސައިޓުން މިހާރު ދައްކާ އަގުތައް ފެންނަ ސްކްރީން ޝޮޓްތަކެއް ސޯޝަލް މީޑިއާގައި ދައުރު އެބަވެ އެވެ.

ސައިޓުން ދައްކާ ގޮތުން މޯލްޑިވިއަނުން އާއްމުކޮށް ކުރާ ދަތުރުތަކުގެ ޓިކެޓް އަގުތައް ވަނީ މައްޗަށް ޖެހިލާފަ އެވެ.

މޯލްޑިވިއަންގެ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ބުކިން ސިސްޓަމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭކަން ޔަގީންކޮށްދީފަ އެވެ.

"މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް އެބަކުރަން" މޯލްޑިވިއަނުން ބުންޏެވެ.

އަދި ބުނީ މައްސަލަ ހައްލުވަންދެން 1671 އަށް ނުވަތަ cc@iasl.aero. މެއިލްކޮށްގެން ޓިކެޓް ބުކްކުރެވޭނެ ކަމަށެވެ.

މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް މަސައްކަތްތަކެއް އެބަކުރެ އެވެ. މި ފަހުން މޯލްޑިވިއަންގެ ވައިޑް ބޯޑު އެއާކްރާފްޓެއް ގެނެސް ޗައިނާއަށް ދަތުރުތައް ފަށާފައިވެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ޔޫރަޕްގެ ގައުމުތަކަށްވެސް ދަތުރުތައް ފެށުމަށް ގައުމީ އެއާލައިނުން އަމާޒު ހިފާފައިވެ އެވެ.

އިތުރު އެއާ ކްރާފްޓެއްވެސް ގެންނަން ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!