ޚަބަރު

އެކްސިޑެންޓުގައި މީހަކު މަރުވުން: 60 އަހަރުގެ މީހެއްގެ ލައިސަންސް ހިފަހައްޓައި ސައިކަލް ޓޯ ކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހައިވޭގައި އެކްސިޑެންޓު ހިނގި ސަރައްދު ފެންނަ ވީޑިއޯގެ ސްކްރީން ގްރެބެއް

ސިނަމާލެ ބްރިޖުގެ ހައިވޭގައި ހުރި ކޯންއެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މަރުވި މައްސަލަ އާ ގުޅިގެން މީހެއްގެ ލައިސަންސް ހިފަހައްޓައި އޭނާ ދުއްވި ސައިކަލް ޓޯ ކޮށްފި އެވެ.

Ads by STELCO

އެކްސިޑެންޓު ހިނގީ ހުޅުމާލެއިން މާލެ އަންނަ ލޭނުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތްކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ބިދޭސީ މީހާ ދުއްވި ސައިކަލު ޖެހިގެންނެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 8:19 ގަ އެވެ. ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓާ ގުޅިގެން ފަރުވާދެމުން ދަނިކޮށް މަރުވީ ބަންގްލަދޭޝް މީހެއް ކަމަށެވެ.

އެ މީހާ މަރުވީ އެ ދުވަހުގެ ހެނދުނު 9:05 ހާއިރު، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ އެކްސިޑެންޓުގައި މަރުވި ބިދޭސީ މީހާ ހައިވޭގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިފައި ވެއްޓޭ މަންޒަރެވެ. އެވަގުތު ފަހަތުން އައި ސައިކަލެއް ކޮންޓްރޯލް ނުވެ، ވެއްޓިފައިވާ މީހާގެ ބޯމަތިންދާ ތަން ފެނެ އެވެ. އާންމުވި ވީޑިއޯއަކީ ސިނަމާލެ ހައިވޭގައި ހުރި ފުލުހުންގެ ސީސީޓީވީއެއްގެ ފުޓޭޖެއް ކަމަށް ބުނެފައިވެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވީ އެ އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލު ކޮށްފައިވާ ކަމަށެވެ.

"އަދި އޭނާގެ ލައިސަންސް ހިފަހައްޓައި އޭނާ ދުއްވި ސައިކަލް ވަނީ ޓޯކޮށްފައި،" ޝިފާނުގެ މެސެޖުގައިވެ އެވެ.

އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.