މަސްތުގެ ހާލަތުގައި ހުރެ ހަމަނުޖެހުން ހިންގި މީހަކު ހައްޔަރުކޮށްފި
މާލޭގެ މުރަނގަ މަގުގައި ހުންނަ ފިހާރައެއްގެ ކައިރީގައި މަސްތުގެ ހާލަތުގައި ހުރެ ހަމަނުޖެހުން ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.
މުރަނގަ މަގުގައި ހުންނަ ޝޮޕީޒް ފިހާރަ ކައިރީގައި އެ މީހާ ހަމަނުޖެހުން ހިންގީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަސްތުގެ ހާލުގައި ހުރި މީހަކު އެ ފިހާރަ ކައިރީގައި ހަމަނުޖެހުން ހިންގި މައްސަލަ އެ އިދާރާއަށް ރިޕޯޓުކުރީ ރޭ 12:05 ހާއިރު ކަމަށެވެ.
މައްސަލައިގައި ހައްޔަރުކުރީ ޅ. ކުރެންދޫ، ދިލާސާގެ، އިބްރާހިމް ޒާހީ ސުލައިމާން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހަމަނުޖެހުން ހިންގަން އުޅުނު މީހަކު ހައްޔަރުކުރިއިރު، ރޭ އިރާކޮޅު އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް ސައިކަލުގައި ދިޔަ ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގާފައިވެ އެވެ. މައްސަލައިގައި އަދި ބަޔަކު ހައްޔަރު ނުކުރި ނަމަވެސް އެކަން ހުއްޓުވަން އުޅުނު ފުލުހަކަށް އަނިޔާވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
އިއްޔެ މެންދުރު ވެސް މާވެޔޮ މަގުގައި ހުންނަ ތާސިރު ކެފޭގައި ބިދޭސީންތަކެއްގެ މެދުގައި ނުރައްކާތެރި މާރާމާރީއެއް ހިނގައި، ދެ މީހަކަށް އަނިޔާވެ، އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.