އެމްޑީޕީގެ މެމްބަރުންގެ އިހުތިޖާޖާ އެކު ރިޔާސީ ބަޔާން ނުއިއްވިގެން ޖަލްސާ މެދުކަނޑާލައިފި
![](https://dhen.mv/wp-content/uploads/2025/02/IMG_20250206_091808_883-850x548.jpg)
އެމްޑީޕީގެ މެމްބަރުން ތަޅުމުގައި ކުރިއަށް ގެންދާ އިހުތިޖާޖާ އެކު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
ޖަލްސާ ފަށައި ރިޔާސީ ބަޔާން އިއްވަަވަން ފެއްޓެވުމުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެމްބަރުން ވަނީ ރައީސް ހުންނެވި ޕޯޑިއަމް ކުރިމަތީގައި އަޑުގަދަ ކުރައްވަން ފައްޓަވާފަ އެވެ.
ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު އެމްޑީޕީގެ ނުވަ މެމްބަރުންގެ ނަން މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއްވަވާފަ އެވެ.
ނަން އިއްވި މެމްބަރުންނަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ)، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް، ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު، މަރަދޫ ދާއިރާގެ މެމްބަރު އަހްމަދުދީދީ، ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރު، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހިމެނެ އެވެ.
އެހެން ނަމަވެސް ނަން އިއްވި މެމްބަރުން ތަޅުމުން ނިކުތުމަށް ދެކޮޅު ހެއްދެވުމުން އަބްދުއްރަހީމް ވަނީ ޖަލްސާ މެދުކަނޑާލައްވާފަ އެވެ.
މަޖިލިހުގެ ޖަލްސާ އަލުން ފަށާނީ ނަން އިއްވާފައިވާ މެމްބަރުން ތަޅުމުން ނިކުމެވަޑައިގަތުމުންނެވެ.