ޚަބަރު

ތިޔައީ ބުހުތާން ދޮގު! ރައީސް މައުމޫން އަމުރުފުޅެއް ނުކުރައްވާ ގައިދީންނާއި ދެކޮޅަަށް ހަތިޔާރު ބޭނުން ކުރާކަށް: އިބްރާހިމް ދީދީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

2003 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 19/20 ، މި ދެ ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމުގައި ގައިދީންތަކެއްގެ ގަޔަށް ބަޑިޖަހާ، މަރާލާފައިވާއިރު އެދުވަހު ގައިދީންނާއި ދެކޮޅަށް އެއްވެސް ހަތިޔާރެއް ބޭނުން ކުރަން އެއިރުގެ ރައީސް މައުމޫން ޢަބްދުލްޤައްގޫމް އަމުރުފުޅެއް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް މައުމޫނަށް ތުހުމަތު ކުރައްވާ،މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެދުވަހު ޖަލުގައި ބަޑި ޖެހީ ޗީފް އިން ކޮމާންޑަރުގެ އަމުރުފުޅަށް ކަމަށެވެ. އެއިރުގެ ޗީފް އިން ކޮމާންޑަކީ ވެސް ރައީސް މައުމޫނެވެ.

ނިހާދުގެ މިޓްވީޓަށް ރައްދު ދެއްވަމުން މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ އެއީ "ބުހުތާން ދޮގެއް" ކަމަށެވެ.

"ނޭނގޭ ކަންކަމުގައި އެމްޕީ އަކަށް ހުންނަވާ ތިކަހަލަ އިލްޒާމް އަޅުވަން ނުވާނެ. އެދުވަހު އެއިރު ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) ގެ ޑިއުޓީ އޮފިސަރަކަށް، ކަން ދިމާވި ގޮތުން، ހުރީ އަޅުގަނޑު. ރައީސް މައުމޫން އެއްވެސް އަމުރުފުޅެއް ނުކުރައްވާ އިންމޭޓުންނާއި ދެކޮޅަށް ލީތަލް ހަތިޔާރު ބޭނުން ކުރަން" އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އެއަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު ޖަލުގައި އީވާން ނަސީމު މަރާލި ހާދިސާއަށް 17 އަހަރު އިއްޔެ ފުރުމާއި ގުޅިގެން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އަނެއްކާ ވެސް ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއް ދީފައެވެ. އަދި ބަޑިޖަހާ ގައިދީންތަކެއް މެރި ހާދިސާ ތަހުގީގު ކުރަން ޖެހޭކަމަށް ބުނެ އެމްޑީޕީ އިން އިއްޔެ ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!