ޓޫރިސްޓުންތަކެއް ހިމެނޭހެން 38 މީހުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ދިޔަވަނީ

ޓޫރިސްޓުންތަކެއް ހިމެނޭހެން 38 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސް، ދިޔަވާތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިިފި އެވެ.
އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފަޅައިގެން ގޮސް ދިޔަވަމުން ދަނީ "ސުވެނިއަ 34" ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ. އެ ހާދިސާ ހިނގިއިރު ލޯންޗް ދަތުރުކުރަމުން ދިޔައީ ތިލަފުއްޓާ ދިމާ ބޭރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި "ސުވެނިއަ 34" ދިޔަވަމުންދާތީ މާލެ އޭރިއާ، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމުގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އުޅަނދުން 38 މީހުން ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެއީ 34 ޓޫރިސްޓުންނާއި 4 ކްރޫއިންކަން ފާހަގަކޮށްފައިވެ އެވެ.
"ސުވެނިއަ 34" ދިޔަވަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނައިރު، މިއަދު ހެނދުނު އދ. ދިގުރަށުން މާލެއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ދަނިކޮށް، ލޯންޗުން ދަތުރުކުރި 48 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.
ފުލުހުން ބުނެފައި ވަނީ "ހުވަން" ލޯންޗު އަޑިއަށް ދިޔަކަމުގެ ރިޕޯޓު ލިބިފައި ވަނީ ހެނދުނު 7:57 ގައި ކަމަށެވެ. އެ ލޯންޗުން ދަތުރުކުރީ 45 ޕަސެންޖަރުންގެ އިތުރުން 3 ކްރޫ މެމްބަރުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޕަސެންޖަރުންގެ ތެރޭގައި 4 ކުޑަކުދިން ވެސް ހިމެނެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ އެންމެން ސަލާމަތްކޮށް، އަނބުރާ ދިގުރަށަށް ގެންގޮސްފައިވާ ކަމަށާ އަދި އެ މީހުންގެ ހާލު ރަނގަޅު ކަމުގަ އެވެ.