އައްޑޫ ބުރިޖުގެ މަޝްރޫއަށް ފަންނީ ލަފާ ދޭނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީ ހިތަދޫ-ހުޅުމީދޫ ލިންކް ޕްރޮޖެކްޓްގެ ސާވޭ، ޑިޒައިން އަދި ޓެންޑަ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ތައްޔާރުކުރުމުގެ މަސައްކަތުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އައްޑޫ ބުރިޖު އަޅަން ސޭވާ ކުރުމުގެ މަސައްކަތް ހިމެނޭ ގޮތަށް އެ މަޝްރޫއުގެ ފަންނީ މަސައްކަތްތައް ކުރިއަށް ބަޔަކު ހޯދަން މިދިޔަ މަހު އިއުލާން ކުރައްވާނެކަމަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެން ނަމަވެސް މިދިޔަ މަސް ނިމުނުއިރު ވެސް އެކަން އިއުލާންއެއް ނުކުރެ އެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ބުރިޖުގެ ސާވޭ، ޑިޒައިން އަދި ޓެންޑަ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ތައްޔާރުކުރުމުގެ މަސައްކަތުގެ ކޮންސަލްޓަންސީ ފޯރުކޮށްދިނުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެއީ މި މި މަހުގެ 24އާ ހަމައަށެވެ.
އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭނެކެމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އައްޑޫ ބްރިޖު މަޝްރޫއު ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ މަސައްކަތް ކުރިއަށްގެންދިއުމަށް މިސްރުގެ "ދި އަރަބް ކޮންޓްރެކްޓާސް" ކުންފުންޏާއެކު މިިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން އެމްއޯޔޫއެއްގައި ސޮއިވެސް ކުރި އެވެ. އޭރު ސަރުކާރުން ބުނި ގޮތުގައި ސާވޭގެ މަސައްކަތް ކުރަނީ ހިލޭ އެހީގަ އެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބު ވިދާޅުވީ ބުރިޖުގެ މަސައްކަތް ފަށަން ފައިސާ ހަމަނުޖެހޭ ކަމަށެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވީ މި ދައުރުގެ ތެރޭގައި އެ ބުރިޖުގެ މަސައްކަތް ނިންމަވާނެ ކަމަށެވެ.