އެމްޑީޕީ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދީގެން ގައްބަރޭ ހައްޔަރުކޮށްފި

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން އެމްޑީޕީން އަންނަނީ ސިލްސިލާކޮށް މުޒާހަރާތައް ބާއްވަމުންނެވެ. ކޮންމެ ރެއަކު ބާއްވަމުންދާ މުޒާހަރާތަކުގައި ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒުފޯރުވަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލުމަށާ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލި ފްލެޓު ލިސްޓު މި ސަރުކާރުން ރިވިއުކޮށް، އަލުން އެކުލަވާލައި އާންމުކުރި ގޮތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކޮށް އަޑުއުފުލަ އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އާ ގުޅިގެން ފުލުހުން ހައްޔަރުކުރީ މއ. ނައިޓް ވިލާ، އިބްރާހިމް އަބްދުﷲ، ގައްބަރޭ (33އ) އެވެ.
ގައްބަރޭއަކީ އެމްޑީޕީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އެވެ. އޭނާގެ އިތުރުން އެ މުޒާހަރާގެ ތެރެއިން އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ. އެއީ އެ ޕާޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އަހްމަދު ޝަޒީނެވެ.
މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދިން މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
