ދުނިޔެ

3 ފަހަރު ހުވަފަތްވި އަންހެނެއް، "ހަތަރުވަނަ ފަހަރަށް ފިރިމީހާ ގެއްލި ކުދީން ޔަތީމުވާއިރު ކެތެއް ނުވާނެ"

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަފްގާނިސްތާންގެ ސާދިގުއާބާދަށް ނިސްބަތްވާ 33 އަހަރުގެ ތާޖު ބީބީ ވަނީ އޭނާގެ ޒުވާން ހަޔާތުގައި އެތައް ތަޖުރިބާތަކެއް ކޮށްފައެވެ. އެތައް އަހަރުތަކެއް ކުރިންސުރެ އަފްގާނިސްތާނުގެ ސަރުކާރާއި ތާލިބާނުންނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ނިކަމެތި އެތައް ރައްޔިތުންނެއް ޝަހީދުވެގެން ދާއިރު ، އެކަމުގެ ހިތާމަ އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނު އެކަކީ ތާޖު ބީބީއެވެ.

Ads by Sosun Fihaara

ހަތަރުވަނަ ފިރިމީހާއަށް މިހާރު ވެސް ބަލިވެ އިން ތާޖު ބީބީގެ ތިން ފިރިން ވަނީ އެ ހަނގުރާމަތަކުގައި ތާލިބާނުންގެ އަތްދަށުވެ މަރާލާފައެވެ. ބީބީގެ ހުރިހާ ފިރިންނަކީ ވެސް އެއްބަނޑު އެއްބަފާ މީހުންނެވެ. އަދި އެ އެންމެންނަކީ ވެސް ސިފައިންނެވެ.

ބީބީ އަލަތު ކައިވެނި ކުރީ އުމުރުން 18 އަހަރުގައެވެ. މިހާރުގެ ފިރިމީހާ އަމީނުﷲގެ އެންމެ ދޮށީ ބޭބެ ، ތާލިބާނުންނާ ކުރި ހަނގުރާމައެއްގައި ނިޔާވުމުން ދެން އޭނާ ކައިވެނި ކުރީ އަމީނުﷲގެ ޖެހިގެން ހުރި ބޭބެއާ އެވެ.

ބީބީގެ ދެވަނަ ކައިވެނި ވެސް ދިގު މުއްދަތަކަށް ދެމިގެން ގޮސްފައެއް ނުވެއެވެ. ބަލިވެއިންދާ އޭނާއަށް ލިބުނު ޚަބަރަކީ ޗެކް ޕޮއިންޓެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ފިރިމީހާ ނިޔާވި ޚަބަރެވެ.

ހުވަފަތްވާ އަންހެނާ ފިރިމީހާގެ އާއިލާއިން ބޭރަށް ފޮނުވާ ނުލާ އެއާއިލާ މީހަކާ ކައިވެނި ކުރުވުމަކޯ އަފްގާންގެ އާދަކާދައިގެ ދަށުން ކުރާ ކަމެކެވެ. އެހެންވެ އިއްދައިގެ މުއްދަތު ހަމަވުމުން ބީބީގެ ބަފައިބެ މިފަހަރު ވެސް އެއާއިލާގައި ޖެހިގެން ހުރި މީހާއާ ބީބީ ކައިވެނި ކުރުވިއެވެ.

ތިންވަނަ ފިރިމީހާ ވެސް ތާލިބާނުންގެ އަތްދަށުވެ 2017 ވަނަ އަހަރު ނިޔާވިއެވެ.

ބީބީގެ ހުވަފެނަކީ އޭނާގެ ހަތަރުވަނަ ކައިވެނި ސަލާމަތްވުމެވެ.  ފިރިމީހާ އަމާނުﷲ އަށް މުސާރައަށް ލިބޭ 300 ޑޮލަރާއި މަރުހޫމް ފިރިންގެ ޕެންޝަން އެލަވަންސުން 15 މީހުންގެ އާއިލާއެއް ބަލަހައްޓާ ބީބީގެ ހުރިހާ ވެސް ދުއާއަކީ އެއީ އެވެ.

ބީބީ ބުނެފައިވަނީ އޭނާގެ ހަޔާތުގައި ދިމާވި ކަންކަމާހުރެ ބައެއް ފަހަރު އަފްގާން ސަރުކާރާ އަދި އެގައުމުގައި ހަރަކާތްތެރިވާ ބޭރު ގައުމުތަކުގެ އަސްކަރިއްޔާ ވެސް ކުށްވެރި ކުރާ ކަމަށާއި އަދި ބައެއް ފަހަރު އަމިއްލަ ނަފްސު ވެސް ކުށްވެރި ކުރެވޭ ކަމަށެވެ.

" ފަހަރެއްގައި އަހަރެންގެ ބަދު ނަސީބު ކަމަށް ވެދާނެ" ބީބީ ބުނެފައިވެއެވެ.

ބީބީ ބުނީ ތިން ފިރިން މަރުވެ ތިންފަހަރު ހުވަފަތް ވެއްޖެ ކަމަށާއި އިތުރަށް ހުވަފެންވެ ފަސް ދަރީން އަނެއްކާ ވެސް ޔަތީމުވެގެން ދާކަށް އޭނާއަށް ކެތެއް ނުވާނެ ކަމަށެވެ،

އަފްގާނިސްތާނުގެ ސަރުކާރާއި ތާލިބާނުންނާ ދެމެދު ބަދަލު ކުރާ ހަމަލާތަކުގައި މިދިޔަ ހަފްތާގައި އެކަނި ވެސް 60 ސިފައިން ވަނީ މަރުވެފައެވެ. ނަމަވެސް ސުލްހައިގެ ދަންމަރު އަދިވެސް ނުނިވި އޮތްކަމީ އެތައް އާއިލާތަކަށް ލިބޭ ހިތްހަމަ ޖެހުމެކެވެ. ދެފަރާތުން ގަތަރުގައި ކުރިއަށް ގެންދިޔަ މަޝްވަރާއިން ސުލްހައިގެ އުއްމީދު ވަނީ އާވެފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!