ދަރިފުޅު ދުވަހަކު ވެސް ވޭޕް ބޭނުމެއް ނުކުރޭ ނުކުރޭ: ސާޖިދާ

ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަކީ ވޭޕް ބޭނުން ކުރާ ކުއްޖެއް ކަމަށް މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް، އޭނާގެ މަންމަ، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސާޖިދާ މިހެން ވިދާޅުވީ، ވޭޕް ބޭން ކުރަން ނިންމީ ރައީސްގެ ދަރިކަލުންގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) ވިދާޅުވުމާ ގުޅިގެން މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ވަކީލުން މެދުވެރި ކުރައްވާ ނެރުއްވި ބަޔާނެއްގަ އެވެ.
ސާޖިދާ ވިދާޅުވީ މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ވަނީ އުމައިރަށް ނިސްބަތްކޮށް ހަގީގަތެއްނެތް، ދޮގު ވާހަކަތަކެއް މީޑިޔާއާއި ސޯޝަލްމީޑިޔާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާފައިވާ ކަމަށެވެ. އެގޮތުން އުމައިރަކީ ވޭޕްބޭނުންކުރާ ކުއްޖެއް ކަމުގައި ބުނެ ފަތުރާފައިވާ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެއްކަމަށް ސާޖިދާ ވަނީ ސާފުކޮށް ވިދާޅުވެފަ އެވެ.
ސާޖިދާ ވިދާޅުވި ގޮތުގައި، އެކަންކަން ކުރަމުންދަނީ ރައީސް މުއިއްޒުއާއި ސިޔާސީ ގޮތުން ހިޔާލުތަފާތު އެކި ފަރާތްތަކުންކަމަށާއި، އެފަދަ ވާހަކަތަކުގެ ސަބަބުން ދަރިފުޅުގެ ތައުލީމީ ހަޔާތަށާއި އިޖްތިމާޢީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ދައްކާފައިވާ ކަމަށެވެ.
އުމައިރަކީ 16 އަހަރުގެ ކުޑަކުއްޖެއްކަމަށާއި، ތައުލީމީ ހަޔާތް އަދި ފުރިހަމަނުވާ ކުއްޖެއްކަމަށް ސާޖިދާ ވިދާޅުވެފައިވެ އެވެ. އަދި މުހިންމު ކަމެއްގެ ގޮތުގައި، އުމައިރަކީ އޭނާގެ ބައްޕަގެ ސިޔާސީ ނިންމުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް، އެއްވެސް ބާރުވެރިކަމެއްވެސް ނެތް ކުއްޖެއްކަމުގައި ފާހަގަކުރައްވާފައިވެ އެވެ.
ސާޖިދާ އިތުރަށް ވިދާޅުވިގޮތުގައި، މިހާތަނަށް ރައީސް މުއިއްޒުގެ ސިޔާސީ ނިންމުންތަކާމެދު ފާޑުކިޔުންތަކާއި ވާހަކަތަކަށް އެއްވެސް ރައްދެއް ދީފައިނުވާނެ ކަމަށެވެ. ނަމަވެސް، މިހާރު އެމަނިކުފާނުގެ ކުދިންނާ ދިމާކޮށް ދައްކާ ވާހަކަތަކާ ގުޅިގެން، ކުދިންގެ މަންމަގެ ހައިސިއްޔަތުން އަމިއްލަ ފަރުދީގޮތުން ފިޔަވަޅުތަކެއް އަޅުއްވަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުގެ ފިރިމީހާ، މުއިއްޒުގެ ޒިންމާތަކުގެ ތެރެއިން ނިންމަވާ ނިންމެވުންތަކާއި ސިޔާސީ ވިސްނުންފުޅާމެދު، އެއްވެސް ފަރާތަކުން ދައްކާފައިވާ ވާހަކައަކަށް އަދި ފާޑުކިޔުމަކަށް އަޅުގަނޑު އެއްވެސް އެއްޗެއްބުނެ ފިޔަވަޅެއް އަޅާފައިނުވާނެއެވެ. އެހެނެއްކަމަކު، މިއަދު އަޅުގަނޑުގެ ކުދިންނާ ދިމާކޮށް... ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ގަސަދުކޮށްފީމެވެ," ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
