މަންމައާ ބައްޕަ ޝަހީދުވުމުގެ ކުރިން ދަރިފުޅު ފޮރުވީ ބޮޑު ތެއްޔަކަށް ލާފައި ، އާއިލީ މެމްބަރުންނާ ބައްދަލުވީ 34 އަހަރު ފަހުން
1982 ވަނަ އަހަރަކީ ލުބުނާނުގެ ޝަތީލާ ރެފިޔުޖީ ކޭމްޕް ސަރަހައްދުގައި ބިޔަ ބޮޑު ގަތުލްއާންމެއް ހިނގި އަހަރެކެވެ. އިޒްރޭލްގެ ދިފާއީ ލަޝްކަރުން އަޑީގައި އޮވެ ހިންގި މި ގަތުލުއާންމު އެއަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ފެށިއިރު އެންމެ ދެ ދުވަހުގެ ތެރޭގައި 3500 އަށްވުރެ ގިނަ އާންމުން ވަނީ ޝަހީދު ކޮށްލާފައެވެ.
މި ގަތުލުއާންމުގެ ހަނދާން ނެތަސް ، ގަތުލްއާންމުގެ ސަބަބުން ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔަ އެކަކީ ތިން އަންހެން ކުދީންގެ ބައްޕަ ، އޭރު ތުއްތު، ތުއްތު ކުއްޖެއް ކަމަށްވާ އައިމަން އެވެ.
ގަތުލްއާންމުގައި އައިމަންގެ މަންމައާ ބައްޕަ ޝަހީދު ވެގެން ދިޔައިރު އައިމަންގެ މައިންބަފައިން ވަނީ އޭނާ ސަލާމަތް ކުރެވޭތޯ ބަލާފައެވެ. އެގޮތުން ގަތުލްއާންމު ހިންގި ފަރާތްތަކަށް އައިމަން ފެނުނީ ބޮޑު ތެއްޔެއްގެ ތެރެއިންނެވެ. އޭގެ ތެރޭގައި އައިމަންގެ އުފަންދުވަހުގެ ސެޓްފިކެޓް ވެސް އޮތެވެ.
ގަތުލްއާންމު ނިމިގެން ދިޔައިރު އައިމަންގެ ބަލަދުވެރިއަކަށްވީ ދިމިޝްގުގެ ޔަތީމުޚާނާއެކެވެ.
ނަމަވެސް އޭގެ ތިން މަސްފަހުން ތޫނިސްގެ ދެމަފިރިއަކު އައިމަން ބެލުމުގެ ޒިންމާ ނެގިއެވެ. އައިމަން އެ ދެމަފިރިންނާއެކު އުޅެ ބޮޑުވީ ތޫނިސްގައެވެ.
އައިމަންގެ ހަޔާތާ ގުޅޭގޮތުން ގުދުސް މީޑިއާއަށް އޭނާ ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައި ވަނީ ތޫނިސްގައި ދިރިއުޅެމުން ދިޔައިރު އުޅުނީ އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް ކަމަށެވެ. އަދި ދިރިއުޅުމުގެ އެއްވެސް ކަމެއް މަދުވާ ކަމުގެ އިހްސާސް ނުވި ކަމުގައި ވިޔަސް އެއީ އަމިއްލަ ގައުމު ނޫން ކަމާއި އަމިއްލަ އާއިލާ ނޫންކަމުގެ އިހްސާސް ކުރެވޭ ކަމަށް އައިމަން ބުނެފައި ވެއެވެ.
ޔަތީމު އައިމަންގެ ހަޔާތަށް ބިންދަމުން ދިޔަ ރާޅުތައް އަދި އެ ނިމުނީކީ ނޫނެވެ. 2004 ވަނަ އަހަރު އޭނާ ބަލާ ބޮޑުކުރި މަންމަ ނިޔާވުމުން އައިމަންގެ ހަޔާތަށް އެކަނިވެރިކަން ގެނުވިއެވެ. އެ އެކަނިވެރިކަމުގެ ދުވަސްވަރުގައި އައިމަންއަށް އޭނާގެ އުފަންދުވަހުގެ ސެޓްފިކެޓް ފެނުނެވެ. އެހިސާބުން އައިމަން އަކީ ފަލަސްތީނު މީހެއްކަން އޭނާއަށް އެނގުނެވެ. އަދި އައިމަން ބަލާ ބޮޑުކުރުމުގެ ޒިންމާ ނެގި ބައްޕަ ވެސް އެކަން އައިމަން އަށް ކަށަވަރު ކޮށްދިނެވެ. އެހެން ނަމަވެސް 2012 ވަނަ އަހަރު އެ ބައްޕަ ނިޔާ ވުމާއި ހަމައަށް އައިމަން ބައްޕައާއެކު ހަޔާތް ހޭދަ ކުރިއެވެ.
އޭގެ ފަހުން އައިމަންގެ ލޭގެ އަހުލުވެރީންނާ ބައްދަލު ކުރުމުގެ މަސައްކަތް އޭނާ ފެށިއެވެ.
އައިމަންގެ މި މަސައްކަތްވީ އެތައް އަހަރެއް ހޭދަވީ ދިގު ދަތުރަކަށެވެ. އައިމަންގެ މަންމައާ ބައްޕަ ވަކިވެގެން ދިޔަ ޝަތީލާ ކޭމްޕަށް 2016 ވަނަ އަހަރު އޭނާ ދިޔައެވެ. އެތަނުން އޭނާއާ ބައްދަލުވި ފަލަސްތީނު މީހުންގެ އެހީގައި އޭނާއާ އާއިލީ ގުޅުން އޮވެދާނެ ޣައްޒާގައި ދިރިއުޅޭ އާއިލާއަކާ ގުޅޭނެ ގޮތްވިއެވެ.
ނަސީބުކަން ދިމާކުރި ގޮތުން އައިމަންއާ ގުޅުނު މީހަކީ އޭނާގެ ބޮޑު ބޭބެއެވެ. އަދި އައިމަންގެ ބައްޕަ އެތައް އަހަރެއް ކުރިން ޣައްޒާއިން ޝަތީލާ ކޭމްޕަށް ބަދަލުވި ޚަބަރު ވެސް ބޮޑުބޭބެ އޭނާއަށް ދިނެވެ.
އައިމަން ޣައްޒާއަށް ގޮސް އެމީހުންގެ އާއިލާއާ ބައްދަލު ކުރިއެވެ. އަދި މި ބައްދަލުވުންތަކުން އޭނާއަށް ހައިރާން ކުރުވަނިވި އެހެން ޚަބަރެއް ވެސް ލިބުނެވެ. އެއީ އައިމަންގެ މަންމަ އަކީ ބައްޕަގެ ހަމައެކަނި އަނބިމީހާ ނޫން ކަމާއި ބައްޕަގެ ކުރީގެ އަތްބަކަށް ލިބިފައިވާ އަންހެން ދަރިއެއް ވެސް ޣައްޒާގައި ހުރިކަން އޭނާއަށް އެނގުނެވެ. އަދި އައިމަންގެ މަންމައަކީ ޝަތީލާ ކޭމްޕުން ބައްޕަ ކައިވެނި ކުރި މީހެއްކަން އެނގުނެވެ.
އެ ވަގުތުން ފެށިގެން އައިމަން ދައްތަ ހޯދުމުގެ މަސައްކަތް ފެށިއެވެ. އައިމަންއާ 50 އަހަރުގެ ދައްތަ ހުދާއާ ބައްދަލުވީ ނުސައިރާ ކޭމްޕުންނެވެ. އޭރު ދައްތައަކީ ފަސް ކުދީންގެ މަންމައެކެވެ.
އައިމަން ބުނެފައި ވަނީ އޭނާގެ ހުވަފެނަކީ އޭނާގެ ދަރީން ، ދަރީންގެ ބޮޑު ދައިތަ ނުވަތަ އައިމަންގެ ދައްތައާ ބައްދަލުވާ ގޮތް ވުން ކަމަށެވެ. އައިމަން މިހާރު މަސައްކަތް ކުރަމުންދަނީ އޭނާއަށް ފަލަސްތީނުގެ ރައްޔިތުކަން ލިބޭތޯއެވެ. ނަމަވެސް އެކަމަށްޓަކައި ދައްތަގެ ޑީއެންއޭއާ އައިމަންގެ ޑީއެންއޭ ދިމާވޭތޯ ބަލަންޖެހެއެވެ. ޣައްޒާގެ ހޮސްޕިޓަލްތަކުގެ މަދު ވަސީލަތްތަކުން ޑީއެންއޭ އިން އެންމެ ސާފު ނަތީޖާއެއް ނުލިބޭތީ އެކަން ކުރެވެން އޮތީ ގާތުގައިވާ މިސްރަށް ގޮސްގެންނެވެ. ނަމަވެސް ދައްތަ ހުދާއަށް އަދި މިސްރަށް ދަތުރުކުރެވޭ ގޮތެއް ނުވެއެވެ.