ބޮލީވުޑް މުނިފޫހިފިލުވުން

ސޯނޫ ސޫދަކީ މަކަރުވެރިއެއްކަމަށް ބުނާ ފަރާތްތަކަށް އޭނާގެ ރައްދު:ވާހަކަ ނާބުރާ ، ގޮސް ކޮންމެވެސް މީހަކަށް އެހީވެދީ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮވިޑް19 ގެ މި ބަލިމަޑުކަމުގައި ވަޒީފާ ގެއްލި ނުވަތަ އަތްމަތި ދަތިވެ އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މަދަދުގާރެއް ކަމުގައިވި ބޮލީވުޑްގެ ތަރި ސޮނޫ ސޫދަށް ފާޑުކިޔާ ފަރާތްތަކަށް ހޫނު ރައްދެއް އޭނާ ދީފިއެވެ.

Ads by MWSC

ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން އިންޑިއާގެ ވަޒީފާ އަދާ ކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އާއިލާއާ ދުރުން އެހެން ސްޓޭޓްތަކުގައި އުޅެމުން ދިޔަ އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ވަޒީފާ ގެއްލުމުންނާ ނުވަތަ އެހެން ވެސް ސަބަބުތަކާހުރެ ހާލުގައި ޖެހުނު ބައެއް މީހުން ވަނީ އަމިއްލަ ވަޒަނަށް ދިޔުމަށް ހިނގާފައާއި ބައިސްކަލުގައި އެތައް ހާސް ކިލޯ މީޓަރެއް ކަޑައްތުކޮށްފައެވެ. އޭގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ވަނީ ގެއަށް ދިޔަ މަގުމަތީގައި މަރުވެފައެވެ.

ހާލުގައި ޖެހުނު އެތައް ލައްކަ ބަޔަކަށް ސޮނޫ ސޫދުގެ ދީލަތި އެހީތެރިކަން ލިބުނުއިރު ވަރަށް ގިނަ ބަޔަކު ވަނީ އޭނާގެ އެ ހެޔޮކަން ބަލައިގެންފައެވެ. އެގޮތުން އޭނާގެ އެހީގައި އަމިއްލަ ވަޒަނަށް ފޮނުވައިދިން މާބަނޑު ބައެއް މީހުން ވަނީ ވިހެއުމަށްފަހު ދަރިފުޅަށް ސޮނޫގެ ނަން ވެސް ދީފައެވެ. އެހެން ނަމަވެސް ސޮނޫގެ އެ ހެޔޮ ކަންކަމަކީ ހަމައެކަނި ސަމާލުކަން ހޯދުމަށް ކުރި ކަމެއްގެ ގޮތުގައި ބައެއް މީހުން ދަނީ ސިފަ ކުރަމުންނެވެ. އެގޮތުން މީސްމީޑިއާގައި ކާޓޫނު ކުރަހާ އެތައް ފުރައްސާރައަކާ ސޮނޫ ވަނީ ކުރިމަތިލާފައެވެ.

އެ ފާޑު ކިޔުންތަކަށް ރައްދު ދެމުން ސޮނޫ ބުނީ އޭނާއަށް އަމާޒުވާ ފާޑު ކިޔުންތަކާމެދު ކަންބޮޑު ވުމެއް ނެތް ކަމަށާއި އޭނާ ކުރަމުންދާ މަސައްކަތް ކުރުމުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ފާޑުކޮށް ދިމާކުރާ މީހުން އެކަން ކުރަމުން ގެންދިޔުމަށާއި އޭނާ ވެސް އޭނާގެ މަސައްކަތުގައި ދެމި ހުންނާނެ ކަމަށް ބުނެފައި ވެއެވެ.

"އަހަރެން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނާ މީހުންނަށް އަހަރެން ބުނަން އޮތް އެއްޗަކީ ، އަހަރެން އެހީތެރިވި 703،246 މީހުންގެ ނަމާއި އެޑްރެހާ އައިޑީކާޑާއި ފޯން ނަމްބަރު ހިމެނޭ ރެކޯޑް އަހަރެން އަތުގައި އެބަހުރި ، އެހެން ގައުމުތަކުން އައުމަށް އެހީތެރިވި ދަރިވަރުންގެ ލިސްޓް އެބައޮތް ، އަހަރެން އެކަންކަން ސާފުކޮށްދޭކަށް ބޭނުމެއް ނޫން ، އަހަންނާ ބެހޭ ގޮތުން ވާހަކަ ނާބުރާ ގޮސް ކޮންމެވެސް މީހަކަށް އެހީތެރިވެދީ" ސޮނޫ ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!