ދުނިޔެ

މާސްކު ނާޅާ ހުރި ވަކީލަކު 500 ރުޕީސް އިން ޖޫރިމަނާ ކުރުމުން، ބަދަލުގައި 10 ލައްކަ ރުޕީސް ހޯދަން ކޯޓަށް ހިނގައްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާސްކު ނާޅާ ކާރު ދުއްވަން އިން ވަކީލަކު، 500 ރުޕީސް އިން ޖޫރިމަނާ ކުރުމުން، އޭގެ ބަދަލެއްގެ ގޮތުގައި 10 ލައްކަ ރުޕީސް ހޯދަން ކޯޓަށް ގޮސްފިއެވެ.

Ads by Sosun Fihaara

އެޑްވޮކޭޓް ސޯރަބް ޝަރްމާ ބުނި ގޮތުގައި ދިއްލީ ފުލުހުން އޭނާ ޖޫރިމަނާ ކޮށް ފައިވަނީ ޤަވާއިދާ ޚިލާފަށެވެ.

ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ވަކާލާތު ކުރުމުގައި އުޅުނު ސޯރަބް، އެދުވަހު ކާރުގައި އިނީ އެކަނި ކަމަށާއި، މިހާރު ޤަވާއިދު ބުނާ ގޮތުން ނަމަ އެކަނި އިންނައިރު މާސްކު އަޅަން ނުޖެހޭ ކަމަށް އޭނާ ބުންޏެވެ.

މިމަހުގެ 9 ވަނަ ދުވަހު ހިނގި މިހާދިސާ އާއި ގުޅޭގޮތުން ސޯރަބް ބުނީ ބަދަލެއްގެ ގޮތުގައި 10 ލައްކަ ރުޕީސް ބޭނުންވަނީ ނަފްސާނީ ގޮތުން ފުލުސް މީހާ ދިން އަނިޔާގެ ސަބަބުން ކަމަށެވެ.

މިމައްސަލައިގެ ޝަރީޢަތް މިހާރުވެސް ބާއްވާފައިވާއިރު، ޝަރީޢަތުގެ މަޖިލީހުގައި ސޯރަބް ގެ ވަކީލު ވެސް ބުނެފައިވަނީ އުޅަނދެއްގެ އެތެރޭގައި އިންނައިރު މާސްކު އެޅުން މަޖުބޫރެއް ނޫން ކަމުގައެވެ.

މިކަމާއި ގުޅޭގޮތުން ދިއްލީ ފުލުހުން ބުނެފައިވަނީ އާއްމުން އުޅޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކަމަށާއި ޕްރައިވެޓް ކާރަކީ ވެސް އާއްމު ތަނެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!