ކަޅުބިލަމަސް ރައްކާކުރުމުގެ ގާބިލުކަން ފަންސަވީސް ހާސް ޓަނާ ހަމައަށް އިތުރުކުރަނީ

ކަޅުބިލަމަސް ރައްކާކުރުމުގެ ގާބިލުކަން ފަންސަވީސް ހާސް ޓަނާ ހަމައަށް އިތުރުކުރެވޭނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މަހާއި މަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް، ނުވަތަ ވެލިއު އެޑްކުރުމަށް ގިނަ މަޝްރޫއުތަކެއް ފައްޓަވާފައިވާ ކަމަށެވެ.
އެގޮތުން، މި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ގާބިލުކަން، މިހާރު ހުރި 8500 ޓަނުން އިތުރުކުރުމަށް ފައްޓަވާފައިވާ މަޝްރޫއު، ބާރު ދުވެލީގައި ނިމި، ފަންސަވީސް ހާސް ޓަނާ ހަމައަށް އިތުރުކުރެވޭނޭކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަމަ މި މުއްދަތުގެ ތެރޭގައި ޕްރޮސެސިންގ ކެޕޭސިޓީ، މިހާރު ހުރި 115 ޓަނުން 355 ޓަނާ ހަމައަށް އިތުރުކުރެވޭނޭ ކަމަށެވެ. އަދި މި މަޝްރޫއުތަކަކީ ކަންބޮޑުވުމެއް ނެތި ކުރިއަށްދާނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެހިފައިހުރި މަޝްރޫއުތަކެއްކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވާފައިވެ އެވެ.
މިއަދުގެ އެޕިސޯޑުގައި އެމަނިކުފާނު ވަނީ، ތެލާއި އައިސް ލިބުމުގައި މަސްވެރިންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުއިކަމެއް ހޯއްދަވައިދެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ.
އުމްރާނީ ތަރައްގީގެ ގޮތުން ކަމުގައިވިޔަސް އަދި ވަސީލަތް ގާއިމުކުރެއްވުމުގެ ގޮތުންކަމުގައިވިޔަސް، މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަންކަން ކުރައްވަނީ، މަސްވެރިންގެ އަޑު ގާތުން އައްސަވައިގެން، ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ވައުދުފުޅާ އެއްގޮތަށް، މިއަހަރު ނިމެން ވާއިރަށް ކޮންމެ އަތޮޅެއްގައި، ކަނޑައެޅިފައިވާ ރަށަކުން، އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ވައުދުފުޅާ އެއްގޮތަށް، 48 ގަޑިއިރު ތެރޭ ފައިސާ ދެވޭ ގޮތަށް ކުރެއްވި އިންތިޒާމުގެ ނަތީޖާއެއްގެ ގޮތުން، ކުރީގައި ދޯނިން ފޭބި ޒުވާނުން އަލުން މަސްވެރިކަމާ ގުޅިފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުންފެށިގެން މިއަދާ ހަމައަށް، އެންމެ ދުވަހެއްވެސް ވައްޓާނުލައި މަސްވެރިންނަށް ފައިސާ ދެވެމުންދާކަމަށާއި، މި މުއްދަތުގެ ތެރޭގައި 470 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކުރައްވާފައިވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާކަމަށެވެ. އަދި ވަކި ވަކި މަސްވެރިން ދަފުތަރު ކުރެވެމުންދިއުމުން، މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
