ޚަބަރު

އެޕާޓްމަންޓެއް ބަލައި ފާސްކޮށް ޑްރަގާ އެކު ދެބެން ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހުޅުމާލޭގެ އެޕާޓްމަންޓަކުން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެބެން / ފޮޓޯ:ފުލުހުން

ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by MPL

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްފެޝަލް އެންފޯސްމަންޓް ޓީމާ އަދި ފޭސް އެކެއް އިންވެސްޓިގޭޝަން ގުޅިގެން ރޭ ހިންގި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއްގައި ކަމަށެވެ.

އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ތަން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި އެހެނިހެން ބައެއް ތަކެތި ފެނިފައިވާ ކަމުގަ އެވެ. އޭގެ ތެރޭގައި ފްލޭވާ ފުޅިތަކާއި ވީޑް ގްރައިންޑަރަކާއި ވޭޕްތަކާއި ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓުތަކެއް ހިމެނޭ ކަމުގަ އެވެ.

ހުޅުމާލޭގެ އެޕާޓްމަންޓަކުން ހޯދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި އެހެނިހެން ބައެއް ތަކެތި / ފޮޓޯ:ފުލުހުން

އެ މައްސަލައިގައި ފުލުހުން ވަނީ އެއް ގެއަކަށް ނިސްބަތްވާ ދެ މީހުން ހައްޔަރުކޮށްފަ އެވެ. އެއީ މ. އަލިހަވާ، ރާއިފު ޔޫސުފް (28އ) އާއި ރާއިގު ޔޫސުފް (28އ) އެވެ.

ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަކީ މުޖުތަމައުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ފުލުހުން ފާހަގަކުރި އެވެ.

Ads by HDC