ރާއްޖެއަށް އެތެރެކޮށްފައިވާ މުދާ 32 އިންސައްތަ ދަށަށް
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައި ވަނީ 21.1 ބިލިއަން ރުފިޔާގެ މުދާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އަބްދުﷲ ޝަރީފް ވިދާޅުވީ، މި މުއްދަތުގައި އެތެރެކޮށްފައިވާ 21.1 ބިލިއަން ރުފިޔާގެ މުދަލަކީ 32 އިންސައްތަ ދަށް އަދަދެއް ކަމަށެވެ. މިގޮތުން ނިމިދިޔަ 2019 ވަނަ އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހަށް 30.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މިއީ ކޮވިޑް-19 ގެ ސަބަބުން އައި ބަދަލެއް ކަމަށް ޤަބޫލު ކުރައްވާ ކަަމަށެވެ.
ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލަށް ބަލާއިރު، 2019 ވަނަ އަހަރުގެ ޖޫން އިން ސެޕްޓެމްބަރަށް 442 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މިއަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 616 މިލިއަން ރުފިޔާގެ މުދާކަމަށެވެ.
ޝަރީފް ވިދާޅުވީ މިއަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރަށް 1.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓް ކޮށްފައިވާ އިރު، ފާއިތުވި އަހަރު އެކްސްޕޯޓް ކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާގެ މުދާ ކަމަށެވެ. އެހެން ކަމުން އެވްރެޖްކޮށް އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު 10 އިންސައްތަ ދަށްވެފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން 2019 ވަނަ އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހަށް އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ އިން ކަސްޓަމަސް އަށް ލިބިފައި ވަނީ 2.4 ބިލިއަން ރުފިޔާ ކަމަށާއި މިއަހަރުގެ މިމުއްދަތުގައި ޑިއުޓީގެ ގޮތުގައި ލިބިފައި ވަނީ 1.8 ބިލިއަން ރުފިޔާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ 26 އިންސައްތައިގެ ދަށް ވުމެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޖޫން އިން ސެޕްޓެމްބަރު މަހު އެއް ބިލިއަން ރުފިޔާ ލިބިފައިވާ އިރު މިއަހަރުގެ މިމުއްދަތުގައި ޑިއުޓީގެ ގޮތުގައި ލިބިފައި ވަނީ 650 މިލިއަން ރުފިޔާއެވެ.
ޝަރީފް ވިދާޅުވީ 2019 ވަނަ އަހަރު 164 މިލިއަނަށް ވުރެ ގިނަ ފޯމް ކަސްޓަމްސް އިން ޑިކްލެއަރ ކޮށްފައިވާ އިރު، މިއަހަރު ޑިކްލެއަރ ކުރެވުނީ 95 ހާސް ފޯމް ކަމަށެވެ. މިއީ 42 އިންސައްތައިގެ ދަށްވުމެއް ކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ.