ޚަބަރު

މަސްވެރިންނަށް ތިން ލައްކައާ ހަމަޔަށް ލޯނު ދެނީ

. ، ދެން އޮންލައިން
ބީއެމްއެލްއާ ފިޝަރީޒް މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުން ދައްކާލަނީ/ ފޮޓޯ: މިނިސްޓްރީ

މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި، ބޭންކިން ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތޭގޮތަށް މާލީ އިދާރާތަކުން ލޯނު ލިބުންފަދަ އިތުރު ހިދުމަތްތައް ހޯދުމަށް މަސްވެރިންނަށް ފުރުސަތު ހުޅުވާލުމުގެ ސިޔާސަތުގެ ދަށުން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، ފިޝަރީޒް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފި އެވެ.

Ads by STELCO

އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އަދި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ.

ސަރުކާރުން ބުނީ އެ އެއްބާރުލުމުގެ ދަށުން، މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000ރ އާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެ އެވެ. އަދި ފުރަތަމަ ފަހަރަށް، މޫސުމާއިއެކު މަސްވެރިކަމުގެ އާމްދަނީއަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލުތައް އެކުލަވާލެވޭނެ އެވެ.

ޕާސަނަލް ފައިނޭންސިން އަދި ލުއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބޭންކުގެ އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕާސަނަލް ފައިނޭންސިންގެ އިތުރުން، ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްފަހު، މަސްވެރިންނަށް ހޯމް ޕާޗޭސް ފައިނޭންސިން، ހޯމް ބިލްޑް ފައިނޭންސިން އަދި ހޯމް ކޮންސްޓްރަކްޝަން ލޯނަށް ވެސް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.