އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކުރަން ފޮނުވައިފި

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައިޝަތު އަސްނާ ހަމްދީ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އަހްމަދު އިމާދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިމާދު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ މަގާމުން ވަކިކުރަން މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވަނިކޮށެވެ.
މިއަދުގެ މަޖިލިހުގެ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަންކުރެއްވުމަށް ރުހުން ހޯދުމަށް ފޮނުއްވާފަ އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރަން މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
އަސްނާ މިހާރު ހުންނެވީ އެ އޮތޯރިޓީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ހަވާލުވެވަޑައިގެން ހުންނެވީ ފައިނޭންޝަލް ސެކްޓަ ޑިވެލޮޕްމަންޓް (އެފްއެސްޑީ) އާ އެވެ.
އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ އެ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަގާމާ އަހްމަދު މުނައްވަރު ހަވާލުވެވަޑައިގެންނެވުމަށް ފަހުގައި އޮތޯރިޓީގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކުގެ ދަށުން އުފެއްދެވި މަގާމެކެވެ. އެ ބަދަލާ އެކު ޑިޕާޓްމަންޓުތައް ހިންގަމުން ގެންދަނީ ކަނޑައަޅުއްވާފައިވާ މެނޭޖިން ޑިރެކްޓަރުންގެ ބެއްލެވުމުގެ ދަށުންނެވެ.
