ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ދެ މީހަކު ހައްޔަރުކޮށްފި

ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ކަމުގެ ތުހުމަތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހު ޕެޓްރޯލު ކުރަމުން ދިޔައިރު، ފުލުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ.
ހުޅުމާލެ ދިއްގާމަގު، ބީޗް ކްލަބު ކައިރިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު، އެ ސައިކަލަކީ ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ސައިކަލެއް ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. މާވަށް، ގްލޯރީ، އަހްމަދު ވިސާން (30އ) އާއި ގދ. ގައްދޫ، ބުލާޝަމްއާގެ، މުހައްމަދު އަތީފް (48އ) އެވެ.
ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
