ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކުރަން މަޖިލިހުން ރުހުން ދީފި

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައިޝަތު އަސްނާ ހަމްދީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އަހްމަދު އިމާދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިމާދު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ މަގާމުން ވަކިކުރަން މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވަނިކޮށެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ މައްސަލަ ދިރާސާކުރި މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އޭނާ އާ އިންޓަވިއު ކުރުމަށް ފަހުގައި ފާސްކުރީ މަގާމަށް އައްޔަންކުރަން ފެންނަ ކަަމަށެވެ.
މިއަދުގެ މަޖިލިހުގެ ޖަލްސާގައި ވަނީ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަންކުރަން ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އަހާފަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.
އަސްނާ މިހާރު ހުންނެވީ އެ އޮތޯރިޓީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ހަވާލުވެވަޑައިގެން ހުންނެވީ ފައިނޭންޝަލް ސެކްޓަ ޑިވެލޮޕްމަންޓް (އެފްއެސްޑީ) އާ އެވެ.
އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ އެ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަގާމާ އަހްމަދު މުނައްވަރު ހަވާލުވެވަޑައިގެންނެވުމަށް ފަހުގައި އޮތޯރިޓީގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކުގެ ދަށުން އުފެއްދެވި މަގާމެކެވެ. އެ ބަދަލާ އެކު ޑިޕާޓްމަންޓުތައް ހިންގަމުން ގެންދަނީ ކަނޑައަޅުއްވާފައިވާ މެނޭޖިން ޑިރެކްޓަރުންގެ ބެއްލެވުމުގެ ދަށުންނެވެ.
