ވަކި ފަންޑެއް ގާއިމް ކުރުން ހިމެނޭހެން ކުޅިވަރު ގާނޫނަށް ބޮޑެތި ބަދަލުތައް ގެނެސްފި

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި ބިލު ރައީސް ތަސްދީގުކުރެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
1. ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއަރުވަން އިހްތިޔާރުތަކަކާއި ފުރުސަތުތަކެއް ލިބުން.
2. ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާނޫނުގެ ދަށުން އުފެއްދުމަށް ކަނޑައެޅުން. އަދި ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ މުބާރާތްތައް ބާއްވަން ފެށުން.
3. ކުޅިވަރުގެ ވަކި ފަންޑެއް ގާއިމުކޮށް، އެ ފަންޑުން ކުޅިވަރު ކުރިއަރުވަން ހޭދަކުރަން ފެށުން.
4. ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ގާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއެއްގޮތުގައި ހަމަޖެއްސުން
5. މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ދަށުން، ހިނގާ ހާއްސ ޑިވިޝަންތައް ކުޅިވަރު އެސޯސިއޭޝަންތަކުގައި އުފެއްދުން.
6. ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" ވަކި މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ހިނގަން ފެށުން.
7. ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ގާއިމުކޮށް އަމަލުކުރަން ފެށުމަށް ކަނޑައެޅުން. (މިއީ ކުޅުންތެރީންގެ ހައްގުތައް ރައްކާތެރިކޮށް ދީ އިންސާފު ލިބޭނެ ގާނޫނީ ހައިސިއްޔަތު، ދިނުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކަނޑައަޅާފައިވާ ކަމެއް).
8. ސްކޫލް ސްޕޯޓްސް ރޭވިގެން ކުރިއަށް ގެންދަން އޮތަށް ފުރުސަތު ފަހިވުން. (މިގޮތުން 'އިންޓާ ސްކޮލާސްޓިކް' ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތައް ގާނޫނުގެ ދަށުން އުފައްދައި ހަރަކާތްތެރިވަމުންދާނެ އެވެ.)
މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމުގެ ފުރުސަތު، މި ގާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ފަހިވެގެންދާނެ އެވެ.
ރައީސް އޮފީހުގައި ބިލް ތަސްދީގުކުރެއްވުމަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އާއި އެޓާނީ ޖެނެރަލްގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ރައީސް، ކުޅިވަރުގެ ދާއިރާގެއެހާރާއި މިހާރުގެ މަޝްހޫރު ބޭފުޅުން ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބިލަކީ، މޭ 25، 2025 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.
