ކޮވިޑް-19 : ތިނަދޫން ކުޑަކުއްޖަކު ފައްސިވެއްޖެ
ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މި ކުއްޖާ ފައްސި ވެފައިވާކަން އެނގިފައިވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ނެގި ޓެސްޓުގެ ނަތީޖާއިންނެވެ. ފައްސިވެފައި ވަނީ އުމުރުން 9 އަހަރުގެ ކުއްޖެކެވެ.
އަތޮޅު ތެރޭ ރަށްރަށަށް ހޯމް ކަރަންޓީނަށް ދާ މީހުން ފައްސިވާ މިންވަރު އަންނަނީ ފަހަކަށް އައިސް އިތުރުވަމުންނެވެ.
މީގެ ކުރިން ވެސް ތިނަދޫން ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. ފަރުވާ ދިނުމަށްފަހު މި މީހުން މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ.
އިއްޔެ ވެސް ރާއްޖެއިން 54 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 24 ބިދޭސީންނެވެ. އެއީ މާލެއިން 50 މީހުންނާއި އަތޮޅުތެރެއިން 4 މީހުންނެވެ.