ޞާލިޙް އަނތްބެއްގެ މާތްކަމާއި މަތިވެރިކަން
ޞާލިޙް ހެޔޮ ލަފާ އަނތްބެއް ލިބުމަކީ ފިރިއަކަށް ދުނިޔެ މަތީން ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމެވެ. އެހެނީ އެފަދަ އަނތްބެއް ލިބުނު މީހެއްގެ ދިރިއުޅުން ކޮންމެ ޙާލެއްގައި ވެސް ހުރީ ބާއްޖަވެރި ކަމުގައެވެ.ފާގަތި ކަމާއި ދަތިކަމުގައި ވެސް އެފަދަ ދެމަފިރިއެއްގެ ދިރިއުޅުމަކީ އެކަންކަން ތަޙައްމަލްކުރާ ، ކެތްތެރިވާ ދެމަފިރިންނަށް ވެގެން ދާނެއެވެ.
އެހެންކަމުން ދިރިއުޅުމުގެ އުނދަގޫ ހާލަތްތަކުގެ ފަސޭޙަ ގޮތްތައް ބުނެދީ އެގޮތްތަކުގެ މަތީ ހުންނަ ޞާލިޙް އަނތްބެއް ލިބުމަކީ ކޮންމެ ފިރިހެނެއްގެ ވެސް އެދުމެވެ. ދުޢާ އެވެ. އެފަދަ އަނބިންނަކީ ﷲގެ މަތިވެރި ނިޢުމަތެކެވެ.
ޢަބުދުﷲ ބިން ޢަމްރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ﷲ ގެ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " މި ދުނިޔޭގައިވާ ހުރިހާ ތަކެއްޗަކީ އިންސާނާގެ ބޭނުމަށް ޓަކައި ﷲ ތަޢާލާ ލައްވާފައިވާ ތަކެއްޗެވެ. އަދި އެހުރިހާ ތަކެތީގެ ތެރެއިން އެންމެ ހެޔޮ އެއްޗަކީ ޞާލިޙް އަނތްބެކެވެ."
ސައުދު ބިން އަބީވައްޤާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ، "ހަތަރު ކަމެއް ބާއްޖަވެރި ކަމުގެ ތެރެއިން ވެއެވެ. ޞާލިޙް އަނތްބެކެވެ. ތަނަވަސްވެގެންދާ ގެދޮރެވެ. ހެޔޮލަފާ އަވަށްޓެރިއެކެވެ. އަދި ހިތްހަމަ ޖެހޭ ސަފާރީއެކެވެ. އަދި ހަތަރުކަމެއް އަބާއްޖަވެރިކަމުގެ ތެރެއިން ވެއެވެ. ނުބައި އަވަށްޓެރިއެކެވެ. ނުބައި އަނތްބެކެވެ. އުނދަގޫ ސަފާރީއެކެވެ.ނުބައި އަވަށްޓެރިއެކެވެ. އަދި ތަންމަތު އުނދަގޫ ގެދޮރެވެ."
ހެޔޮލަފާ ޞާލިޙް އަނތްބަކު ވާހުށީ ފިރިމީހާ ގޯސްމަގުން ދުރުކުރުވާ މީހަކަށެވެ. އަދި ހެޔޮގޮތުގައި ފިރިމީހާގެ ކިޔަމަންތެރިވާ މީހަކަށެވެ. އެފަދަ އަނބީންނަށް ހުރި ހެޔޮ މަޤާމު ބަޔާން ވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ.
އަބޫ ޙުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރެއްވިއެވެ. ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "އަންހެނަކު ފަރުޟު ފަސް ނަމާދު އަދާކޮށް ، ރަމަޟާންމަހުގެ ރޯދަ ފުރިހަމަ ގޮތުގައި ހިފައި ، ޢިއްފަތްތެރިކަމާއެކު އޭނާގެ ޢައުރައަށް ރައްކާތެރިވެ އަދި އޭނާގެ ފިރިމީހާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެއްޖެ މީހާއަށް (ޤިޔާމަތް ދުވަހުގައި) ބުނެވޭނެއެވެ. "ކަނބުލޭގެ ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަންނާށެވެ!"'
ކިހާ މަތިވެރި މަގާމެއްތޯއެވެ. ކިހާ ބޮޑު އުފަލެއްތޯއެވެ.
އަނބިން އިޚްތިޔާރު ކުރުމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދީންވެރި އަންހެނަކު އިޚްތިޔާރު ކުރުމަށް އަމުރު ކުރައްވާފައެވެ. އެހެނީ ތިމާގެ މުޅި ޙަޔާތުގެ މަޤުޞަދަކީ ދީންވެރި އަދި ހެޔޮލަފާ ދިރިއުޅުމެއް މި ދުނިޔޭގައި ހޭދަ ކުރުމެވެ.