ޚަބަރު

އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލުގެ ފޯނާއި ލެޕްޓޮޕް ހިފަހައްޓައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މީހަކު ޓިކްޓޮކް ބޭނުން ކުރަނީ / ފޮޓޯ:އޭއެފްޕީ

ޓިކްޓޮކްގައި އަންހެނުން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ގެ ފޯނާއި ލެޕްޓޮޕް ހިފަހައްޓައިފި އެވެ.

Ads by MPL

އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމު ކުރަމުންދާ ނަބީލަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާގެ ދަށުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެއް އަހަރާއި އެއް މަހާއި ހަ ދުވަހުގެ ހުކުމެއް ކޮށްފައިވެ އެވެ.

އެ ހުކުމުން މިނިވަން ވުމަށް ފަހުގައި ވެސް ސޯޝަލް މީޑިއާގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ މައްސަލައިގައި މިދިޔަ އަހަރުގެ މެއި މަހު އޭނާ ހައްޔަރުކުރި އެވެ.

ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު ދޫކޮށްލުމާ އެކު، އޭނާ ވަނީ އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރަން ފަށާފަ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ރޭ ބުނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ނަބީލު ދިިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ގެ ބަލައި ފާސްކޮށް ފޯނަކާއި ލެޕްޓޮޕެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance