ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދުގެ މައްޗަށް ދައުވާކޮށްފި
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ސޮއި ކުރި އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަމާ ގުޅިގެން ނަގަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ބޭނުން ކުރުމުގެ ދައުވާ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދުގެ މައްޗަށް ކޮށްފިއެވެ.
ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ޒިޔާދުގެ މައްޗަށް އެ ދައުވަ އުފުލާފައި ވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމު ކޮށްފައި ވާތީއާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށްއެ ކުންފުންޏަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދައި ދީފައި ވާތީ ކަމަށެވެ.
މި ކުށް އޭނާގެ މައްޗަށް ސާބިތު ވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މީގެ އިތުރުން ޕީޖީން ވަނީ އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. މިއީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީއަށް ފޮނުވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
އޭސީސީން ބުނެފައިވަނީ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުން ކުރެވޭވަރަށް އެމިސްކިތުގެ އިމާރާތުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާ ނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން ރައީސް އޮފީހަށް އިސްލާމިކް މިނިސްޓްރީން ސިޓީ ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލްއެއްގެ މައުލޫމާތު ހިމަނާ އެ ތިން ފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، އެ ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސް އޮފީހަށް ފޮނުވާފައި ވަނީ އެ ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަން ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވި އެޕްރޮޕޯސަލް ތަކަކީ ކިހިނެއް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.