ބޮލީވުޑް މުނިފޫހިފިލުވުން

އާމިރުޚާންގެ ޒުވާންކަން ފެނި އޭނާގެ ފޭނުންނަށް ހައިރާންކަން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އާމިރުޚާން އަކީ އޭނާގެ ފިލްމުތަކުގެ ޖާދޫގައި އެތައް ބަޔަކު މީގެ ކުރިން ވެސް ޖައްސާފައިވާ މީހެކެވެ. އޭނާގެ ފިލްމުތައް މީހުން އެތައް ފަހަރަކުވެސް ބަލަނީ ބަލާހިތުންނެވެ. "3 އިޑިއެޓްސް"ގައި އާމިރުޚާން ފެނިގެން ދިޔައީ ޔުނިވާސިޓީ ދަރިވަރެއްގެ ގޮތުގައެވެ. އިންޖިނީރިން ކިޔަވާ ތޫނުފިލި ކުއްޖެއްގެ ގޮތުގައެވެ. "ޑަންގަލް" ގައި އޭނާ ފެނިގެން ދިޔައީ ބައްޕައެއްގެ ރޯލުންނެވެ. އަންހެން ދެ ދަރިން ތަރުބިއްޔަތު ކުރި ބައްޕައެއްގެ ގޮތުގައެވެ. މި ހުރިހާ ފިލްމެއްގައިވެސް އޭނާގެ އެކްޓިންގ ހަމަ ސަތޭކައެވެ.

Ads by STELCO

މިހާރު އޭނާ ކުރަމުންދާ މަސައްކަތަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމު "ފޮރެސްޓް ގަމްޕް"ގެ ރިމޭކެއް ހެދުމުގެ މަސައްކަތެވެ. މި ފިލްމަށް ކިޔާ ނަމަކީ "ލާލް ސިންގް ޗައްދާ" އެވެ. މި ފިލްމުގެ ޝޫޓިންއެއްގައި އާމިރުޚާން އުޅޭ މަންޒަރު ފެނި އެތައް ބަޔަކު ހައިރާން ވެއްޖެއެވެ. އޮރެންޖު ކުލައިގެ ޓީޝާޓެއް ލައިގެން ހުއްޓާ ނަގާފައިވާ މި ފޮޓޯ ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް "ވައިރަލް" ވެފައެވެ. އެ ފޮޓޯގައި އޭނާގެ އުމުރަށް ވުރެ މާ ޒުވާން ކަމަށް ދައްކައެވެ.

އާމިރުޚާންގެ އުމުރަކީ މިޙާރު 55 އަހަރެވެ. އޭނާގެ އެއް ފޭނަކު މި ފޮޓޯ ހިއްސާކޮށް ލިޔެފައިވެއެވެ." އާމިރުޚާން އަދިވެސް ވަރަށް ޒުވާން. އޭނާ އަށް 55 އަހަރޭ ބުނާނީ ކާކު؟" އަދި އެހެން ފޭނަކު ލިޔެފައިވަނީ  އާމިރުޚާންގެ "ތްރީ އިޑިއެޓްސް"ގެ ކެރެކްޓަރ އާއި އެ ފޮޓޯގައި ފެންނަ އާމިރުޚާންއާ ވަރަށް ވައްތަރު ކަމަށެވެ.

އާމިރުޚާން މި ފިލްމުގެ ޝޫޓިން އަލުން ފަށައިފައި މިވަނީ ކޮވިޑް-19ގެ ފުރަބަންދަށް ފިލްމުގެ ޝޫޓިން މެދުކަނޑާލުމަށް ފަހުގައެވެ. މި ފިލްމުގައި އާމިރުޚާންއާއެކު ލީޑުރޯލުން ފެނިގެން ދާނީ ކަރީނާ ކަޕޫރެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!