ޒެލެންސްކީ މޯދީއާ ބައްދަލު ކުރަނީ
ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ދެމެދު މިއަދު ދިގު މަޝްވަރާއެއް ކުރައްވައިފިއެވެ. މި މަޝްވަރާގައި ދެ ގައުމުގެ ގުޅުމާއި ރަޝިއާ އާއި ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރެއްވިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޒެލެންސްކީ ވިދާޅުވީ، ޔުކްރެއިންގެ ރައްޔިތުންނަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ހިތްވަރާއި އެއްބާރުލުމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ބައިނަލްއަގުވާމީ އެއްބައިވަންތަކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރައީސް ޒެލެންސްކީ އިތުރަށް ވިދާޅުވީ، ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި އަމިއްލަފުޅަށް ބައްދަލުކުރެއްވުމަށް ރޭވިފައިވާ ކަމަށާއި، ދެ ގައުމުގެ ދަތުރުތައް ބަދަލުކުރުމަށް މަސައްކަތްކުރުމަށް އެއްބަސްވެވުނު ކަމަށެވެ.
މި މަޝްވަރާގައި ރައީސް ޒެލެންސްކީ، ރަޝިއާއިން ޒަޕޮރިޒިއާގެ ބަސް ސްޓޭޝަނަކަށް ދާދި ފަހުން ދިން ހަމަލާގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ މަދަނީ ރައްޔިތުންނަށް އަނިޔާވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހަނގުރާމަ ނިންމުމަށް ޑިޕްލޮމެޓިކް ފުރުސަތުތަކެއް ލިބިފައިވާ ދަނޑިވަޅެއްގައި ރަޝިއާއިން މިފަދަ ހަމަލާތައް ދެމުންދާކަން ފާހަގަކުރެއްވިއެވެ.
އިންޑިއާއިން މި ހަނގުރާމައިގައި ހިފަހައްޓާފައިވަނީ ވަކި ފަރާތަކަށް ބުރަނުވާ ސިޔާސަތެކެވެ. އަދި ހަނގުރާމަ ސުލްހަވެރިކަމާއެކު ނިންމުމަށް ގޮވާލައި، އެކަމަށް މަސައްކަތްކުރަމުންދާ އިރު، ރަޝިއާ އަދި ޔުކްރެއިން އާއެކު ގުޅުން ބަދަހިކުރުމަށްވެސް މަސައްކަތްކުރަމުންދެއެވެ.
