އޮޑިޓް ރިޕޯޓާ ގުޅިގެން އިހުމާލުވި ފަރާތްތަކުގެ މައްސަލަ ފެނަކައިން އިދާރާތަކަށް ހުށަހަޅަނީ

ނިމިގެން ދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށް އޮޑިޓް އޮފީހުން އޮޑިޓް ރިޕޯޓާ ގުޅިގެން އިހުމާލުވި ފަރާތްތަކުގެ މައްސަލަ ފެނަކައިން އިދާރާތަކަށް ހުށަހަޅަން ނިންމައިފި އެވެ.
ނިމިގެން ދިޔަ ހަފްތާފައި ނެރުނު ފެނަކައިގެ އޮޑިޓް ރިޕޯޓުގައި އެ ކުންފުނިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން 2021-2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށް، އގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލާ ކަމަށް ބުނެފައިވެ އެވެ.
އެ ރިޕޯޓާ ގުޅިގެން ފެނަކައިން މިރޭ ނެރުނު ބަޔާނުގައި ބުނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ އިސްލާހީ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަކުރާރު ނުވާނެފަދަ ގޮތަކަށް ކަށަވަރުކުރުމުގެ އެންމެ އަސާސީ އެއް ފިޔަވަޅަކީ ގާނޫނާއި ގަވައިދާ ހިލާފުވެފައިވާކަން ސާބިތުވެފައިވާ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިޗާ ފަރާތްތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުންކަން ފެނަކައިން ފާހަގަކުރި އެވެ.
އެހެންވެ އެ ފަރާތްތަކުގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ފެނަކައިން ބުންޏެވެ.
އޮޑިޓް ރިޕޯޓްގައި ކޮަރަޕްޝަންގެ ތުހުމަތުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އަހުމަދު ސައީދު ހިމެނެ އެވެ.
އެގޮތުން ސައީދު އޭނާގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާކަން ފާހަގަކޮށްފައިވާއިރު ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ ސައީދު ހަތަރު އަހަރަށް ޖަލަށްލާން މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްވެސްކޮށްފަ އެވެ.
