ފަޅުތެރެއަށް ލައްޓި ވަދެއްޖެ: ރައީސް ނަޝީދު

ފަޅުތެރެއަށް ލައްޓި ވަދެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިވަގުތު ކަރަންޓީނުގައި ހުންނެވި ރައީސް ނަޝީދު މިއަދު ޓްވިޓާގައި ފަޅުތެރޭގެ ވީޑިއޯއެއް ހިއްސާ ކުރައްވައި ވިދާޅުވީ ފަޅުތެރެއަށް ލައްޓި ވަދެއްޖެ ކަމަށާއި ﷲގެ އިރާދަފުޅުން ކުރިއަށް އޮތީ މަސްވެރިކަން ތިޔާގި ދުވަސްވަރެއް ކަމަށެވެ.
" އަލްހަމްދުލިﷲ، ﷲގެ އިރާދަފުޅުން ކުރިއަށް އޮތްތަނުގައި މަސްވެރިކަން ތިޔާގިވާނެ." ނަޝީދު ގެ ޓްވީޓުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ދަށްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިމަހުގެ ވިހި ވަނަ ދުވަހު މިފްކޯއިން ވަނީ އެކުންފުނިން މަސްގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ވެސް ދޫކޮށްލާފައެވެ.
އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ކުރި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ކަރަންޓީނުވެ ވަޑައިގަތީ މި މަހުގެ 22 ވަނަ ދުވަހުއެވެ.