އަމާޒަކީ ލުއި ފަސޭހަ ހިދުމަތްތަކެއް ޒިންމާދާރުކަމާ އެކު ފޯރުކޮށްދިނުން: ޕޮލިސް ކޮމިޝަނަރު
އަމާޒަކީ ލުއި ފަސޭހަ ހިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުންކަމަށް ވެސް ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.
ފަސީހު އެ ފަދައިން ވިދާޅުވީ "މޯލްޑިވްސް 2.0" މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވާ އިމިގްރޭޝަންގެ ޑިޖިޓަލް ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ފަސީހު ވިދާޅުވީ އިމިގްރޭޝަންގެ ޒަމާނީ ހިދުމަތްތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ގިނަ ލުއި ފަސޭހަތައް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އަދި އަމާޒަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ފެންވަރު ރަނގަޅު، އަވަސް އަދި ލުއި ފަސޭހަ ހިދުމަތްތަކެއް ޒިންމާދާރުކަމާ އެކު ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވާ ފަސީހު ވިދާޅުވީ މިއަދު އިފްތިތާހުކުރި ހިދުމަތްތައް ވެގެންދާނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް ލިބިގެންދާ އިތުރު ފަސޭހައެއް ކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އާ ވެބްސައިޓާ ގުޅޭގޮތުން ފަސީހު ވިދާޅުވީ ވެބްސައިޓުން އިމިގްރޭޝަންގެ ހިދުމަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބިގެން ދާނެ ކަމަށާއި މިއީ ޒަމާނާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ވެބް ސައިޓެއް ކަމަށެވެ.
އަދި މިއަދު އިފްތިތާހުކުރި އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަނަކީ ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރުކުރެވިފަވާ ޒަމާނީ އެޕްލިކޭޝަނެއް ކަމަށާއި އެޕްލިކޭޝަންގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަން ވެސް ފަސީހު ފާހަގަކުރެއްވިއެވެ.
އެގޮތުން، އަލަށް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމާ ދިވެހި ޕާސްޕޯޓު އައު ކުރުމަށް ފަސޭހަކަމާ އެކު ހުށަހެޅޭނެކަން ފާހަގަކުރައްވާ ފަސީހު ވަނީ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެ ފަރާތެއްގެ ޕާސްޕޯޓުގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް ވިދާޅުވެފައެވެ.

