ދީން

އަހަންނަށް އިސްލާމްދީން ފުރަތަމަ އުނގަންނައިދިނީ މުސްލިމު ކުޑަކުދިންތަކެއް: މައިކަލް ޖެކްސަންގެ ބޭބެ

ދެން އެމްވީ ، ދެން އޮންލައިން

ޖަރމައިން ޖެކްސަން އަކީ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ބޭބެ އެވެ. އަދި ޖަރމައިން އަކީ ވެސް ކުރީގެ ލަވަކިޔުންތެރިއެކެވެ. އިސްލާމް ދީން ޤަބޫލު ކުރެވުނީ ކިހިނެއްތޯ ސުވާލު ކުރުމުން، އޭނާ ކިޔައިދީފައިވެއެވެ.

Ads by STELCO

"އެއީ 1989 ވަނަ އަހަރުގެ ތެރޭގައިވީ ކަމެކެވެ. އަހަންނާއި އަހަރެންގެ އަންހެން ކޮއްކޮ މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ދަތުރެއް ކުރީމެވެ. އެގޮތުން އެދަތުރުގައި ބަޙްރައިން އަށް ވެސް އަހަރުމެން ދެބެން ދިޔައީމެވެ. އެޤައުމުން އަހަރުމެންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ.

އަހަންނަށް އެތަނުގައި ކުޑަކުދިންތަކަކާއި ދިމާވިއެވެ. އެކުދިންނާއި ކުޑަކޮށް ވާހަކަ ދައްކާލާ، އެކުދިންނާއި އަހަރެން ކުރި ސުވާލުތަކަށް ވަރަށް ލޯބިގޮތަކަށް އެކުދިން ޖަވާބުވެސް ދިނެވެ.

އެގޮތުން އެކުދިންނާއި ދެކެވުނު ވާހަކަތަކުގެ ތެރެއިން އަހަރެންގެ ދީނާއި ބެހޭ ގޮތުން އެކުދިން ސުވާލު ކުރިއެވެ. އަހަންނަކީ ނަސާރާ ދީނުގެ މީހެއް ކަމަށް ދޮގެއް ނުހަދާ އަހަރެން ބުނީމެވެ.

އެކުދިންގާތު އަހަރެން ވެސް ހަމަ އެސުވާލު ކުރީމެވެ. ސުވާލު ކުރުމާއިއެކު ވަރަށް ފަޚުރުވެރި ކަމާއިއެކު އެއްއަޑެއްގައި އެކުދިން ޖަވާބުގައި ބުނީ "އިސްލާމް" މިހެންނެވެ.

އެކުދިން އެޖަވާބު ދިން ގޮތުންވެސް އަހަންނަށް، އެވަގުތުވެސް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރިއެވެ. އެއަށްފަހު، އެކުދިން ފެށީ އަހަންނަށް އިސްލާމް ދީނާއި ބެހޭ ގޮތުން މަޢުލޫމާތު ދޭށެވެ. އެކުދިންގެ އުމުރާއި އެއްވަރަށް އެކުދިން އަހަންނަށް އިސްލާމް ދީނާއި ބެހޭގޮތުން މަޢުލޫމާތު ދިނެވެ.

އަހަންނަށް އިސްލާމްދީނާއި ބެހޭ ގޮތުން އެކުދިން މަޢުލޫމާތު ދިންއިރުވެސް، އެމަޢުލޫމާތުތައް ދިނީ ވަރަށް ވެސް ފަޚުރުވެރި ކަމާއިއެކުކަން އަހަންނަށް އިހްސާސްވިއެވެ. އަދި އެކުދިން ކިޔާ ދެމުން ދިޔަ ހުރިހާ ވާހަކަތަކެއް އަހަރެން ކަނުލާ އަޑުއަހާ، އިސްލާމް ދީނާއިމެދު ޝައުޤުވެރިކަން އުފެދެން ފެށިއެވެ.

އެކުދިންނާއިއެކު ހޭދަކޮށްލެވުނު އެވަގުތުކޮޅުގައި ދެކެވުނު ވާހަކަތަކުގެ ސަބަބުން އަހަރެން އިސްލާމްދީނާއި ބެހޭ ގޮތުން އިތުރަށް މަޢުލޫމާތު ހޯދަން ބޭނުންވިއެވެ. އެހެންކަމުން ދީނީ ޢިލްމުވެރިންނާއި ބައްދަލުކޮށް އަހަރެން އިތުރަށް އިސްލާމްދީނާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދީމެވެ.

އެހިސާބަށް ދިޔައިރު، އަހަރެންގެ ދިރިއުޅުމަށް ވެސް ވަރަށް ބޮޑު ބަދަލުތަކެއް އައެވެ. ދުލުން ހާމަ ކުރަން ބޭނުން ނުވި ނަމަވެސް އަހަރެންގެ ހިތް އޭރު އިސްލާމްދީން ޤަބޫލު ކޮށްފިކަން ޔަޤީންވިއެވެ.

މިހުރިހާ ކަމަކާއި ބެހޭ ގޮތުން އަހަރެންގެ އާއިލީ ރަޙްމަތްތެރިޔާ ޤުންބާރް ޢަލީ އާއި އަހަރެން މަޝްވަރާ ކުރީމެވެ.

ޤުންބާރު އަހަރެން ގޮވައިގެން ސައުދީ އަރަބިއާ ގެ ވެރި ރަށް ރިޔާޟަށް ދިޔައެވެ. އެތަނަށް ދިޔައިރު ޙަޤީޤަތުގައި އަހަންނަށް އިސްލާމްދީނާއި ބެހޭ ގޮތުން މައުލޫމާތު ލިބެންވާ ވަރަށް ލިބިފައި ނުވާކަން އެނގުނެވެ.

ނަމަވެސް ސައުދީ އަރަބިއާއަށް ދިޔުމަށްފަހު އެތަނުގެ އާއިލާއަކާއިއެކު މައްކާއަށް ޢުމްރާއަކަށް ދިޔައީމެވެ. ފާޅުގައި މުސްލިމަކަށްވީ އެޢުމްރާ އަށް އަހަރެން ދިޔުމަށްފަހުއެވެ.

އިސްލާމް ވުމަށްފަހު އަހަންނަށް ހީވީ ދުނިޔެއަށް އަލުން އުފަންވީހެންނެވެ. ނަސާރާ އެއްގެ ގޮތުގައި ހުރިއިރު އަހަރެންގެ ހިތުގައި އުފެދިފައިވާ ގިނަ ސުވާލު ތަކެއްގެ ޖަވާބު މުސްލިމަކަށް ވުމަށްފަހު އަހަންނަށް ލިބުނެވެ. ޙަޤީޤަތަށް ބުނަންޏާ އިސްލާމް ވުމުން އަހަންނަށް ޢީސާ ޢަލައިޙިއްސަލާމް އާއި ގުޅޭ ޞައްޙަ އަދި ޤަބޫލުކުރަން ފަސޭހަ ޖަވާބު ލިބުނެވެ. ޤަބޫލުކުރާ ދީނާއިމެދު އަހަރެން ހިތްހަމަ ޖެހެން ފެށީ އަހަރެން މުސްލިމަކަށްވީ ފަހުންނެވެ.

މުސްލިމަކަށް އަހަރެން ވިކަން އާއިލާއަށް އެނގުމުން އެކަން އާއިލާއިން ބަލައި ގަނޭތޯ އަހަރެން ދުޢާ ކުރީމެވެ. އަހަރެންގެ އާއިލާއަކީ ނަސާރާ ދީނުގެ އެންމެ ހަރުކަށި ފިކުރުކަމުގައިވާ އެވެންޑެންސް އޮފް ޖެހޮވާ އަށް ތަބާވެފައިވާ ބައެކެވެ. އޭގައި ބުނާ ގޮތުގައި ސުވަރުގެއަށް ވަދެވެނީ އެންމެ 144،000 ފިރިހެނުންނަށެވެ. މިއީ ބުއްދި ސަލާމަތުން ހުރި މީހުންނަށް ޤަބޫލު ކުރަން އުނދަގޫވާނެ ވާހަކައެއްކަން ހަމަޔަޤީނެވެ.

ބައިބަލްގައި ގިނައީ ފިރިހެނުންނަށް ލިބޭ ކަންތައްތަކުގެ ވާހަކައެވެ. އެކަމުގެ ސަބަބުން ވެސް އަހަރެންގެ ހިތުގައި ޝައްކު އުފެދުނެވެ.

މުސްލިމަކަށް ވުމަށްފަހު އެމެރިކާ އަށް އެނބުރި ދިޔައިރު، މީޑިއާތަކުން ވަނީ އިސްލާމްދީނާއި ދެކޮޅަށް ވަރަށް ބޮޑެތި ޕްރޮޕަގެންޑާ ތަކެއް ފަތުރާފައެވެ. އިސްލާމްދީނާއި ބެހޭ ގޮތުން އެމީހުން ދެއްކި ނޭދެވޭ ވާހަކަތައް ހުއްޓުވަން އަހަރެން އަޒުމް ކަނޑައަޅާ މަސައްކަތް ކުރީމެވެ.

އަހަރެންގެ އެންމެ ބޮޑު އުފަލަކީ އަހަރެންގެ ހަތް ފިރިހެން ދަރިންނާއި ދެ އަންހެން ދަރިންނަކީ، އަހަރެން ފަދައިން އިސްލާމްދީނުގައި ފައިތިލަ ސާބިތު ކުރުމަށް މަސައްކަތް ކުރާ ބަޔަކަށްވުމެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!