ރިޟްވާނު ގެއްލުވާލި ސަބަބު ނުބުނަނީސް އަދީބަށް މާފެއް ނެތް: އާއިލާ

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތު މައްސަލައިގައި އުފުލާފައިވާ ހަތް ދައުވާއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިއުތިރާފުވެ ވަޑައިގެން މާފަށް އެދިލެއްވި ކަމުގައި ވިޔަސް، މިނިވަން ނޫސްވެރިޔާ އަހްމަދު ރިޟްވާން ވަގަށް ނަގައި ގެއްލުވާލި މީހުންނަށް އެހީތެރިވެ ވަޑައިގަތް ސަބަބު ސާފުކޮށް ނުދެއްވަނީސް މާފެއް ނެތް ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.
އިއްޔެ ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އަދީބު ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރި ވެވަޑައިގެން ސިޔާސީ ބާރުވެރިކަން ހޯއްދަވަން އެ ފައިސާ ބެއްސެވީ އަދީބު ނައިބު ރައީސް ކަމުގައި ހުންނަވައި ކަމަށާއި އެއީ ކުރެއްވި ކުށެއް ކަމަށް އަދި އެކުށަށް ތައުބާވެ މާފަށް އެދޭ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.
ނަމަވެސް ރިޟްވާންގެ އާއިލާއިން ބުނެފައި ވަނީ އެމާފު އަދީބަށް ނުދޭނެ ކަމަށެވެ.
ރިޟްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރިޟްވާން ވަގަށް ނަގައި އަނިޔާ ދިން އަނިޔާވެރިންނަށް ހިމާޔަތް ދީ އެ މީހުން ރާއްޖެއިން ބޭރަށް ފޮނުވާލަން އެހީވެދެއްވީ އަދީބު ކަމަށެވެ. އަދި ރިޟްވާނަށް އެފަދަ ލާއިންސާނީ އަނިޔާއެއް ދިން ބަޔަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނީ ކީއްވެ ކަން އަދީބު ވިދާޅުވެ ދެއްވަން ޖެހޭ ކަމަށް ޝެހެނާޒް ބުނެފައިވެއެވެ.
"ތިހެން މާފްކުރާށޭ ބުންޏަކަސް މާފެއް ނެތް،" ޝެހެނާޒްގެ ޓުވީޓުގައި ވެއެވެ.