އިތުރު ފަރުވާއަށް ޓްރަމްޕް ، މިލިޓަރީ ހޮސްޕިޓަލަކަށް ބަދަލުކޮށްފި

ކޮވިޑް19އަށް އިއްޔެ ފައްސިވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ، ފަރުވާއަށް މިލިޓަރީ ހޮސްޕިޓަލަކަށް ބަދަލު ކޮށްފިއެވެ.
ކޮވިޑަށް ފައްސިވީކަން އިއުލާން ކުރެއްވުމަށްފަހު ، ވައިޓް ހައުސްގައި ހުންނަވައިގެން ފަރުވާ ހޯއްދަވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ފައްސިވީކަމުގެ ޚަބަރަށްފަހު 17 ވަރަކަށް ގަނޑިއިރު ފަހުން އެމަނިކުފާނު ވަނީ ވައިޓް ހައުސްއިން ނުކުންނަވާ ހެލިކޮޕްޓަރެއްގައި މިލިޓަރީ ހޮސްޕިޓަލަކަށް ވަޑައިގެންފައެވެ.
ވައިޓްހައުސް އިން ނިކުމެވަޑައިގެން ވަގުތު އެމަނިކުފާނު ވަނީ ނޫސްވެރިންނާ ވާހަކަ ދައްކަން ދެކޮޅު ހަދާފައެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ޓްވިޓާގައި ވިދާޅުވެފައި ވެއެވެ.
ޓްރަމްޕާއި އަނބިކަނބަލުން ކޮވިޑަށް ފައްސިވެފައި މިވަނީ، އޭނާގެ އެޑްވައިޒަރ ހޮޕް ހިކްސްއަށް ކޮވިޑް-19 ޖެހި، އެކަމަނާއާ ޑައިރެކްޓް ކޮންޓެކްޓް ވުމުންނެވެ. ޓްރަމްޕާއި ހިކްސް ޑައިރެކްޓް ކޮންޓެކްޓް ވެފައިވަނީ، މިދިޔަ އަންގާރަ ދުވަހު އޮހާޔޯގައި އޮތް ރިޔާސީ ބަހުސްގައި ބައިވެރިވުމަށް އެ ސްޓޭޓަށް ދަތުރު ކުރި ފްލައިޓުންނެވެ. ޓްރަމްޕާއެކު މިދަތުރުފުޅުގައި ހިކްސް ވަނީ އެއާރފޯސް ވަންގައި ދަތުރު ކުރައްވާފައެވެ. އޭގެ ފަހުން ބުދަ ދުވަހު ބޭއްވި ރެލީއެއްގައި ވެސް ރައީސްއާއެކު ހިކްސްވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
74 އަހަރުގެ ޓްރަމްޕަކީ ހައިރިސްކުގެ ބޭފުޅަކަށް އެމަނިކުފާނު މި ބަލީގައި އެޑްމިޓް ކުރުމުގެ ފުރުސަތު ފަސް ގުނަ ބޮޑު ކަމަށާއި އަދި މި ބަލީގައި އެމަނިކުފާނު އަވަހާރަވުމުގެ ފުރުސަތު 90 ގުނަ ބޮޑު ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އިން ބުނެފިއެވެ.
ނިމެމުންދާ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި އެމަނިކުފާނަށް ޞިއްޙީ ބޮޑު މައްސަލައެއް ކުރިމަތިވެފައި ނުވާކަން މީޑިއާތައް ބުނެއެވެ. ނަމަވެސް ފަރިއްކޮޅާއި ކަސްރަތު ކުރެއްވުމުގެ ވަކި އުސޫލެއް ގެންގުޅުއްވާފައިވާ ކަން އެނގިފައި ނުވާ ކަމަށް ވެސް މީޑިއާތައް ބުނެއެވެ.