ޚަބަރު

"ކުޑަ ކެކުރި - ބޮޑު ކެކުރި" ގެ އުސޫލަކީ ނާއިންސާފު، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ގޮވާލަން: އާދަމް ޝަރީފު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަގުތުން ގެއަށް ބަދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ގޮވާލައްވައިފިއެވެ.

Ads by Hajj Corporation

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެ ބަލިހާލަތު ގޯސްވުމާއި ގުޅިގެން އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވިކަމުގެ ޚަބަރެއް ޓްވިޓާގައި ހިއްސާ ކުރައްވަމުން އާދަމް ޝަރީފު ގޮވާލެއްވީ ރައީސް ޔާމީން ވެސް ވަގުތުން ގެއަށް ބަދަލު ކުރެއްވުމަށެވެ.

"ކުޑަ ކެކުރި-ބޮޑު ކެކުރި ގެ އުސޫލަކީ ނާއިންސާފު، އަނިޔާ. އެއީ ދިވެހީން ބަލައިގަންނާނެ ކަމެއް ނޫން. ނާތަހުޒީބު ސިފައެއް" ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތު މައްސަލައިގެ ހަތް ދައުވާއަށް ވެސް އެމަނިކުފާނު ވަނީ އިއުތިރާފުވެ ވަޑައިގެންފައެވެ. އަދި މިމައްސަލަ ބަލައި ނިމެންދެން އެމަނިކުފާނު ހުންނެނީ މާލޭ ޖަލުގައި ބަންދު ކޮށްފައެވެ.

މިވަގުތު އަދީބު ހުންނެވީ ގެއަށް ބަދަލުކޮށްފައި ކަމަށް ކަރެކްޝަންސުން ކަށަވަރު ކޮށްދެއްވި ނަމަވެސް، ގެއަށް ބަދަލު ކުރެއްވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވީ ބަލިހާލަތު ދަށްވެގެންކަމަށް ވަނީ އެނގިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!