ހުޅުމާލޭގައި ހިންގަމުންދާ އިތުރު ފަސް ސްޕާއެއް ބަލައި ފާސްކޮށްފި
އިމިގްރޭޝަނުން އިއްޔެ ހިނގި އޮޕަރޭޝަނުގައި ހުޅުމާލޭގައި ހިންގަމުންދާ އިތުރު ފަސް ސްޕާއެއް ބަލައި ފާސްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަން އިއްޔެ ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ހުޅުމާލޭގައި ހިންގަމުން ދިޔަ ފަސް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ މަހުގެ ތެރޭގައި 509 ބިދޭސީން ޑީޕޯޓް ކުރެވުނު ކަމަށް ހޯމް މިނިސްޓްރީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ބިދޭސީން ޑީޕޯޓްކޮށްފައިވާ ޢަދަދު 9697އަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

