ފެބްރުއަރީ 5،ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
އަންނަ ފެބްރުއަރީ މަހުގެ 05ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ދެންނެވުމެއްގެ ދަށުން އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސިކަން ރައީސް އޮފީހުން ހާމަކުރީ މިއަދުއެވެ.
އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އާންމުކޮށް އަމަލުކުރަމުން އައި އުސޫލުގެ ދަށުން ކޮންމެ އަހަރަކު ވެސް މަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅައިފައެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ފުރަތަމަ ފަހަރަށް 2024ވަނަ އަހަރު މަޖިލިސް ހުޅުވި އިރު އެ ދުވަސް ބަންދެއް ނުކުރެއެވެ. އޭގެ ފަހުން 2025ވަނަ އަހަރު މަޖިލިސް ހުޅުވި ދުވަސް ބަންދުކުރިއެވެ.

