ޚަބަރު

ބަރުދަން ލުއިވާނެ ކަމަށް ބުނެ ނުރައްކާތެރި ބޭހެއް ވިއްކަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
މާލޭގެ ބޭސް ފިހާރައެއް/ ފޮޓޯ: ދެން

ފަހަކަށް އައިސް ނަގަން ޖެހޭ ހުއްދަ ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށްގެން ވިއްކަމުންދާ ކަމަށާއި، ހާއްސަކޮށް ބަރުދަން ލުއިކުރުމުގެ ނަމުގައި ނުރައްކާތެރި ބޭހެއް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.

Ads by STELCO

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ ބޭހެއް ވެސް ރާއްޖެއަށް އެތެރެކުރެވޭނީ އެކަމަށް ބޭނުންވާ އުސޫލުތަކުގެ ދަށުން ރަޖިސްޓްރީކޮށް، އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭސް ލިސްޓުގައި ހިމެނޭ ބޭސް އެކަނި ކަމަށެވެ.

ނަމަވެސް ހުއްދަ ނުނަގައި ތަފާތު އޮންލައިން ޕޭޖްތަކުގައި ބޭސް އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެގޮތުން، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ 'ސެމަގްލުޓައިޑް' ނަމަކަށް ކިޔާ ބޭހަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި، ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ 'އެޒެލެއިން އެސިޑް'އަކީ މޫދުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ، އޮންލައިން ޕޭޖްތަކުގައި އިޝްރިހާރުކޮށް، ވިއްކަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

"މިފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުން ކުރަންޖެހޭ ހާލަތުގައި އެކަމެއްގެ ހާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭހެވެ. އަދި ފާމަސީތަކު ވެސް މިފަދަ ބޭސްތައް ދޫކުރެވޭނީ ޑޮކްޓަރުން ލިޔެދީފައިވާ ބޭސްސިޓީއަށެވެ." އެ ބަޔާނުގައިވެއެވެ.

އަދި އެފަދަ ބޭސްތައް އެގޮތަށް ބޭނުންކޮށްގެން ހީވެސް ނުކުރާ ފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިފާނެކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ހުއްދަ ނުނަގައި އެގޮތަށް ބޭސް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

Ads by Ooredoo
  1. ޙާމް

    މޫދުގެ ހަންގަނޑޭ. މޫދުގަ ހަންގަނޑެއް ހުރޭތަ