ދުނިޔެ

ފަރުވާއަށް ފަހު ޓްރަމްޕް ހޮސްޕިޓަލުން ދޫކޮށްލައިފި؛ ބުނީ ކޮވިޑް-19 ދެކެ ބިރު ނުގަންނަން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް19 އަށް ފަރުވާ ދިނުމަށްފަހު ، އެމެރިކާގެ މެރީލޭންޑުގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޓްރަންޕް ހޮސްޕިޓަލުން ނިކުމެފައި ވަނީ، އެމެރިކާ ގަޑިން ހެނދުނު 7 ޖެހިއިރުއެވެ. އޭގެ 4 ގަޑިއިރު ކުރިން އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބުނެ ޓްރަމްޕް ވަނީ ޓްވީޓެއް ކޮށްފައެވެ. އެޓްވީޓްގައި ޓްރަމްޕް ބުނެފައި ވަނީ، މީގެ ވިހި އަހަރު ކުރިން ހުރި ހާލަށް ވުރެ މިހާރު ސިއްޙީ ހާލު ރަނގަޅުކަމުގެ އިހްސާސް ކުރެވޭ ކަމަށާއި ކޮވިޑް-19 އަހަރެމެންގެ ދިރިއުޅުން ނަގާލިޔަ ނުދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކޮވިޑް-19 ދެކެ ބިރު ގަތުމަކީ މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ޓްރަ،ްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ، އޭނާގެ ސަރުކާރުން ރައްޔިތުންނަށް ފަރުވާ ދޭނެ ރަނގަޅު ބޭސްތައް އެބަހުރި ކަމަށާއި ފަރުވާ ކުރާނެ ރަނގަޅު ޑަކްޓަރުން ވެސް އެބަތިބި ކަމަށެވެ.

ޓްރަމްޕް މިފަަދައިން ޓްވީޓް ކުރެއްވި ނަމަވެސް އެމެރިކާގައި މިހާތަނަށް ކޮވިޑް ޖެހިގެން 214,970 މީހުން ވަނީ މަރުވެފައެވެ. މިއީ އެއް ޤައުމަކުން މިހާ ގިނަ މީހުން މަރުވި ފުރަތަމަ ޤައުމުކަން ފާހަގަކޮށްލެއެވެ.

މެރައިން 1 ހެލިކޮޕްޓަރުގައި މިހާރު ވައިޓްހައުސްއަށް ޓްރަމްޕް ގޮސްފައިވާއިރު، އޭނާއަށް ފަރުވާ ގޮތުގައި އާއްމުކޮށް ބޭނުން ކުރުމަށް އެފްޑީސީ އިން ހުއްދަ ދީފައި ނުވާ 3 ބޭހެއް ދީފައި ވެއެވެ.މީގެ ތެރޭގައި ޑިސަމެތަސޮން ކިޔާ ބާރުގަދަ ބޭހެއް ވަނީ ބޭނުން ކޮށްފައެވެ. މި ބޭހުގެ ސަބަބުން މީހާގެ ސައިކޮލޮޖިކަލް ވިސްނުމަށް އަސަރު ކުރެއެވެ. ނަމަވެސް ވައިޓްހައުސް އިން ބުނެފައި ވަނީ މިފަދަ ސައިޑް އިފެކްޓެއް ޓްރަމްޕްގެ ކިބައިން ފެނިފައި ނުވާ ކަމަށެވެ. އަދި ވައިޓް ހައުސްގައި ޓްރަމްޕްގެ ޚިދުމަތުގައި 24 ގަޑިއިރު އެމެރިކާގެ އެންމެ ރަނގަަޅު ފެންވަރުގެ ސިއްޙީ ޚިދުމަތްތެރިން ތިއްބަވާނެ ކަމަށް ވައިޓް ހައުސް އިން ހާމަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!