ދުނިޔެ

ވަކި އެއްޗެއް އަންގަންދެން ލަންކާ ފުލުހުންނަށް ޗުއްޓީ ނުދޭން ނިންމައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް19 ކޮންޓްރޯލް ވެފައި އޮންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށް ލަންކާއިން އަނެއްކާ ވެސް މިބަލި ފެނުމާއެކު، ވަކި އެއްޗެއް އަންގަންދެން ލަންކާ ފުލުހުންނަށް ޗުއްޓީ ނުދޭން ނިންމައިފިއެވެ.

Ads by WAMCO

ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިވަގުތަކީ ޤައުމަށް ފުލުހުންގެ ޚިދުމަތް ނުހަނު ބޭނުން ހިނދެއް ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ކޮންމެ ފުލުހެއް ވެސް އެމީހެއްގެ 100 ޕަސެންޓް ޤައުމަށް ދޭން ޖެހޭ ކަމަށެވެ.

އަދި މިހެންވެ، ހުރިހާ ފުލުހުން ވެސް ޑިއުޓީއަށް ނުކުތުމަށާއި މިވަގުތު ޗުއްޓީގައި ތިބި ފުލުހުން  ވެސް މާދަމާއިން ފެށިގެން ޑިއުޓީއަށް ހާޒިރުވުމަށްވަނީ އަންގާފައެވެ. އަދި ހާލަތު ރަނގަޅު ވަންދެން ފުލުހުންނަށް ޗުއްޓީ ނުދޭން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ހަ މަސް ދުވަސް ފަހުން މުޖުތަމަޢުގެ ތެރެއިން ކޮވިޑް-19 ފެނުނު އަވައްޓެރި ސްރީލަންކާ އިން ކޮވިޑް-19 އަށް އިއްޔެ 111 މީހަކު ވަނީ ފައްސި ވެފައެވެ. އިއްޔެ ސްރީލަންކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 101 މީހުންނަކީ އިއްޔެ ފުރަތަމަ ފައްސިވި މީހާ ހިމެނޭ ކްލަސްޓާގެ މީހުންނެވެ. އެއެންމެންނަކީ ވެސް ގާމެންޓް ފެކްޓްރީއެއްގައި މަސައްކަތް ކުރާ މީހުންނެވެ. ފައްސިވި އެހެން މީހުންނަކީ ފެކްޓްރީގެ މުވައްޒަފުންގެ ތެރެއިން ފައްސިވި މީހުންނާއި ގާތުން ބައްދަލުވި މީހުންނެވެ.

ސްރީލަންކާ އިން އިތުރު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3513 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް 13 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ކޭސްތައް އަލުން ފެންނަން ފެށުމާއެކު އެ ގައުމުގެ ބައެއް ހިސާބުތަކުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި މިހާރު އެގައުމުގެ ހުރިހާ ސްކޫލްތައް ވެސް ވަނީ ބަންދު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!