ޚަބަރު

މުސާރަ ބޮޑުކުރީ ކުރިން ވެސް ފާސްކޮށްފައިވާ ގޮތަށް: ފުލުހުން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ފުލުހުންގެ މުސާރަ ބޮޑުކުރީ ކުރިން ވެސް ފާސްކޮށްފައިވާ ގޮތަށް ކަމަށް ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ.

Ads by PNC

ފުލުހުންގެ މުސާރަ ބޮޑުކުރީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނެވެ. އަދި މިއީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮލުމަށް ނަގާ ވޯޓާ ދިމާކޮށް ނިންމި ނިންމުމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

ނަމަވެސް ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަދި ތަރުޖަމާނު އަހުމަދު ޝިފާން މިއަދު އެކްސްގައި ވިދާޅުވީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފުލުހުންގެ ހިދުމަތް ބަދަލުވެ މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދެ އަހަރު ފުރިފައިވާތީ، އެ ފްރޭމްވޯކުގައި ވާ ގޮތުގެ މަތިން، އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް  ބަދަލުކޮށްފައިވާ ކަމަށެވެ.

އެއާއެކު ފުލުހުންނަށް ވަނީ އިތުރު އެލަވަންސްއެއް ދޭން ފަށައިފައެވެ.

އެ އެލަވަންސަކީ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސްއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަދި މި ބަދަލު ގެނެސްފައިވަނީ، ޕޭ ފްރޭމްވޯކްގައި ފާސްކުރެވިފައިވާ ގޮތަށް، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް 75އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާ ފުލުހުންނަށެވެ."ޝިފާން ވިދާޅުވިއެވެ.

Ads by Allied Insurance