އެތެރޭގެ މައްސަލަ ހައްލުކޮށްފިން، 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޕާޓީގެ ލީޑަރޝިޕް އެކީގައި ނިކުމެ: އިބޫ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ މައްސަލަ ހައްލުކޮށްފިން ކަމަށާއި 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޕާޓީގެ ލީޑަރޝިޕް އެކީގައި ނިކުމެ ތިބެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ޅ. ހިންނަވަރުގައި ބޭއްވި އެމްޑީޕީގެ ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ޕާޓީގެ އިސް ފަރާތްތަކުގެ މެދުގައި އުފެދުނު ނުތަނަވަސްކަމަށް އިޝާރާތްކުރައްވައި ސޯލިހު ވިދާޅުވީ، ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އިސް ސަފުގެ ބޭފުޅުންނާ އެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި މިހާރު ކާމިޔާބު ނަތީޖާއެއް ނެރެވިފައިވާ ކަމަށެވެ. އަދި އާންމު މެންބަރުން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް، ހުރިހާ ލީޑަރުން އެއް މޭޒެއްގެ ދޮށަށް ގެނެވިފައިވާކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މި މައްސަލަ ހޫނުވެގެން ދިޔައީ، ލޯކަލް ކައުންސިލް އިންތިޚާބުން ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު އެރުވިފައި ނުވުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުން އެ ޖަލްސާގައި ބައިވެރިނުވެ ބޮއިކޮޓްކުރިއިރު، އެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އިންތިހާބުގެ ކާމިޔާބީގެ މޭސްތިރިއަކީ ނަޝީދެވެ. ނަމަވެސް، ޕާޓީގެ ލީޑާޝިޕުން ވަނީ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމަށް ނަޝީދު ދެކޮޅުހެއްދެވިކަމުގެ ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި މި އޮއިވަރުގެ ތެރޭގައި، ނަޝީދަށް ވަފާތެރިކަމަށް ބެލެވުނު ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ދުރުކުރެވިފައެވެ.