ރާއްޖޭގެ އިންތަކާއި ސަރަހައްދުތައް ރައީސް އޮފީހުގެ ދަށުން ބެލެހެއްޓުމަށް އައު އިދާރާއެއް އުފައްދަވައިފި
ދިވެހިރާއްޖޭގެ ކަނޑުގެ އިންތަކާއި ސަރަހައްދުތައް ކަނޑައަޅައި، އެކަމާ ގުޅޭ އެންމެހައި މައްސަލަތައް ދާއިމީ ގޮތެއްގައި ބެލެހެއްޓުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނޭގޮތަށް "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ގެ ނަމުގައި އައު މުއައްސަސާއެއް ގާއިމުކުރައްވައިފިއެވެ.
މި އިދާރާގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ، ދިވެހިރާއްޖޭގެ ސަރަހައްދީ އިމާ ގުޅިގެން އުފެދޭ އެކިއެކި މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން އިސް ދައުރެއް އަދާކުރުމެވެ.
މީގެ އިތުރުން، ރާއްޖޭގެ ރަސްމީ ބޭސްލައިންތަކާއި އިމުގެ ކޯޑިނޭޓްތައް ކަނޑައެޅުމާއި، ބައުންޑަރީ ޗާޓުތަކާއި އެއާ ގުޅޭ އެހެނިހެން ފަންނީ މައުލޫމާތުތައް ފޯރުކޮށްދިނުން ވެސް އަލަށް އުފެއްދެވި އޮފީހުގެ މެންޑޭޓުގެ ތެރޭގައި ހިމެނެއެވެ.
ދައުލަތުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މިފަދަ ޚާއްސަ އޮފީހެއް އުފައްދަވާނެކަން، މިއަހަރުގެ ފެބްރުއަރީ މަހުގެ 5ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް ހާމަކުރައްވާފައެވެ.
މި އޮފީހުގެ މަސައްކަތްތައް އަމަލީގޮތުން ފެށުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ފަންނީ އަދި އިދާރީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ދަނީ ބާރަށް ކުރިއަށް ގެންދަވަމުންނެވެ.