ރައީސްގެ ވިންދާ އެއްގޮތަށް ޕާޓީ ބައްޓަން ކުރުމަށް، ޕީއެންސީގެ އެސްޖީގެ މަގާމުން މުއާޒް ވަކިވެވަޑައިގެންފި
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރައީސްގެ ވިންދާ އެއްގޮތަށް ޕާޓީގެ ކަންކަން ބައްޓަން ކުރުމަށް، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުއާޒް ހަލީމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މީސްމީޑިއާ 'އެކްސް' ގައި އާންމުކުރެއްވި ބަޔާނެއްގައި މުއާޒް ފާހަގަކުރެއްވި ގޮތުގައި، އޭނާ މި ނިންމެވުން ނިންމެވީ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާޓީ ރީސްޓްރަކްޗަރކޮށް ރައްޔިތުން އެދޭފަދަ ނަތީޖާ ނެރެދޭ ސިޔާސީ ހަރަކާތަކަށް ހެދުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ.
މީގެ އިތުރުން، އެސްޖީގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، އޭނާއަށް ވުރެ ގިނަ ވަގުތު އެކަމަށް ހުސްކުރެވޭނެ ފަރާތަކާ އެ ޒިންމާ ހަވާލުކުރުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް މުއާޒް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއަދުން ފެށިގެން އެ މަގާމުގެ ޒިންމާތަކުން އޭނާ ވަނީ އެއްކިބާވެވަޑައިގެންފައެވެ.
ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ޕީއެންސީއަކީ، ހަތްދިހަ ހަތަރު ހާހަށް ވުރެ ގިނަ އާންމު މެންބަރުންނާ އެކު މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.