ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމެއް ފަށަން ފުލުހުންނާއެކު މަޝްވަރާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމެއް ފަށަން ހެލްތު މިނިސްޓަރު ގީލާ އަލީ ފުލުހުންގެ މުވައްސަސާއާއެކު މަޝްވަރާކުރައްވައިފިއެވެ.

Ads by Allied

އެ މަޝްވަރާތައް ކުރިއަށް ދިޔައީ މިއަދު ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުއާއެކު ހެލްތު މިނިސްޓްރީގައި ބޭއްވި މަޝްވަރާތަކުގެ ތެރެއިންއެވެ.

އެގޮތުން އެ ބައްދަލުވުމުގައި، ހުރިހާ އުމުރުފުރާތަކަކަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފެށުމާއި، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލަސްނުވެ އެންމެ ފުރިހަމަ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.

އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، މި ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ނަފްސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ކޮމިޝަނަރު މިނިސްޓަރުއާ ހިއްސާކުރެއްވިއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ނަފްސާނީ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު ސަރުކާރުން މިހާރު ވަނީ މާލޭގައި ނަފްސާނީ ކަންކަމާ ބެހޭ ހޮސްޕިޓަލެއް އެޅުމަށް ވެސް ނިންމައިފައެވެ.

Ads by Allied Insurance